އިންޑިއާގެ 18 ވަނަ އުމީ ސްކައުޓް ޖަމްބޮރީގައި ބައިވެރިވުމަށް ރާއްޖޭގެ 88 ސްކައުޓަކު މިއަދު އެ ޤައުމަށް ފުރަން ފަށައިފިއެވެ.

އިންޑިއާގެ "ބާރަތް ސްކައުޓްސް އެންޑް ގައިޑްސް"އިން އިންތިޒާމުކޮށްގެން ބާއްވާ މި ޖަމްބޮރީ އަކީ މިމަހުގެ 4 އިން 10 އަށް އިންޑިއާގެ ރާޖަސްތާންގައި ކުރިއަށް ގެންދާ ޖަމްބޮރީ އެކެވެ.

Ad
rt

މި ޖަމްބޮރީގައި ބައިވެރިވާ ރާއްޖޭގެ ސްކައުޓް ކޮންޓިންޖެންޓް ފަރާތުން ޑެޕިއުޓީ ކޮންޓިންޖެންޓް ލީޑަރ ފާތިހް ޖަލީލް ''ތިލަދުން'' އަށް މައުލޫމާތު ދެއްވި ގޮތުގައި މި ޖަމްބޮރީގައި ރާއްޖޭގެ 88 ސްކައުޓުންނާއި 14 ސްކައުޓް ލީޑަރުންނާއި އަދި 4 އޮފިޝަލުން ބައިވެރިވެއެވެ.

މި ޖަމްބޮރީގައި ބައިވެރިވާ ރާއްޖޭގެ ސްކައުޓުން ޖަމްބޮރީ އަށް ތައްޔާރުކުރުމުގެ ޕްރޮގްރާމްތަކެއް ވެސް ސްކައުޓް އެ ސޯސިއޭޝަނުން ވަނީ ހިންގާފައެވެ. މާލޭ އިއްޒުއްދީން ސްކޫލްގައި ތިން ދުވަހުގެ މުއްދަތަށް ގެންދިޔަ މި ޕްރޮގްރާމްތަކުގައި ރާއްޖޭގެ ސްކައުޓުން، ޖަމްބޮރީ އަށް ފައްކާ ކުރުމަށް ގިނަ މަސައްކަތްތަކެއް އެސޯސިއޭޝަނުން ކޮށްފަވެއެވެ.

މި ޖަމްބޮރީގައި ބައިވެރިވާ ރާއްޖޭގެ ސްކައުޓް ކޮންޓިންޖެންޓް މިއަދު ވަނީ ރާއްޖެއިން ފުރަން ފަށާފައެވެ. މިގޮތުން މިއަދު މެންދުރު ފުރި އިންޑިގޯގެ ފްލައިޓުން ސްކައުޓް ދެ ލީޑަރަކު އިންޑިއާއަށް ފުރާފައިވާއިރު، މިރޭ ފުރާ ސްރީލަންކަން އެއާލައިން (ޔޫއެލް) ފްލައިޓުން ސްކައުޓް ލީޑަރުން ހިމެނޭހެން 30 ސްކައުޓަކު ފުރާނެއެވެ. އަދި މާދަމާ ހެނދުނުގެ ޔޫއެލް ފްލައިޓްގައި ވެސް ސްކައުޓް ލީޑަރުން ހިމެނޭހެން 30 ސްކައުޓަކު ފުރާނެއެވެ. މި ދެ ފްލައިޓް ވެސް ދިއްލީ އަށް ދާނީ ކޮލަމްބޯގައި ޓްރާންޝިޓް ކުރުމަށްފަހުއެވެ. މި ޖަމްބޮރީއަށް ދާ ސްކައުޓުންގެ ފަހު ގްރޫޕް ފުރާނީ މާދަމާ ހެނދުނު ފުރާ އިންޑިގޯ ފްލައިޓްގައެވެ.

މި ޖަމްބޮރީގައި ބައިވެރިވާ ރާއްޖޭގެ ސްކައުޓް ކޮންޓިންޖެންޓްގެ ޑެޕިއުޓީ ކޮންޓިންޖެންޓް ލީޑަރު ފާތިހް ވިދާޅުވި ގޮތުގައި މި ދަތުރަކީ ރާއްޖޭގެ ސްކައުޓުންނަށް ތަފާތު ތަޖުރިބާއެއް ލިބިގެންދާ ދަތުރަކަށް ވެގެންދާނެއެވެ.

''މި ދަތުރުގައި ސްކައުޓުންނަށް ތަފާތު ތަޖުރިބާއެއް ލިބިގެންދާނެ، ޔޫއެލް ފްލައިޓްތަކުގައި ދަތުރުކުރާ ސްކައުޓުން މިދަނީ ކޮލަމްބޯގައި ދެ ގަޑިއިރެއްހާއިރު ޓްރާންޝިޓްވެފައި، ކޮލަމްބޯ އިން ދިއްލީއަށް ފޯރަން 3 ގަޑިއިރު ވަރު އެބަ ނަގާ، އިންޑިގޯ ފްލައިޓުންދާ ސްކައުޓުން 4 ގަޑިއިރުގެ ދަތުރެއް ކުރާނެ، އަނެއްކާ އެއާޕޯޓުން ބަހުގައި މިދަނީ ރޭލަށް، ރޭލުގައި 10 ގަޑިއިރުގެ ދަތުރެއް ކޮށްފައި އެކުދިން ރާޖަސްތާނަށް ދާނީ'' ފާތިހް ވިދާޅުވިއެވެ.

ފާތިހް ވިދާޅުވީ ރާޖެސްތާނަކީ ފިނި ސަރަހައްދެއްކަމުން މިދުވަސްވަރު އެތަނުގެ ފިނިހޫނުމިން ދުވާލުގެ ވަގުތުތަކުގައި ހުރީ 15-25 ޑިގްރީ ސެލްސިއެސް އާއި ދެމެދު ކަމަށާއި އަދި ރޭގަނޑު ފިނިހޫނުމިން ހުރީ 11-13 ޑިގްރީ ސެލްސިއެސް އާއި ދެމެދު ކަމަށެވެ. އަދި ޖަމްބޮރީއަށް ކުދިން ތައްޔާރު ކުރުމުގައި އެތަނުގެ މޫސުން އޮތްގޮތައް ބަލައިގެން ކުދިންނަށް އިރުޝާދުތައް ދީފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އިންޑިއާގެ 18 ވަނަ އުމީ ސްކައުޓް ޖަމްބޮރީގައި ބައިވެރިވާ ރާއްޖޭގެ ކޮންޓިންޖެންޓް މިނިސްޓަރު ޑރ. އައިޝަތު ޢަލީއާއިއެކު، ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

މި ޖަމްބޮރީގައި ބައިވެރިވާ ރާއްޖޭގެ ސްކައުޓް ކޮންޓިންޖެންޓް ފުރުމުގެ ކުރިން، މި ކޮންޓިންޖެންޓްއާއި ރާއްޖޭގެ ތައުލީމާބެހޭ ވަޒީރު ޑރ. އައިޝަތު ޢަލީ މިއަދު ވަނީ ބައްދަލު ކުރައްވާފައެވެ. މިއަދު ހެނދުނު 10:00 ގައި އިއްޒުއްދީން ސްކޫލްގައި އޮތް މި ބައްދަލުކޮށްލެއްވުމުގައި ވަޒީރު ޑރ. އައިޝަތު ޢަލީ ވަނީ މިއީ ކޯވިޑްގެ އާލަމީ ވަބާއަށްފަހު ރާއްޖޭގެ މިހާބޮޑު ސްކައުޓް ކޮންޓިންޖެންޓް އެއް ރާއްޖެއިން ބޭރަށް ދާ ފުރަތަމަ ފަހަރުކަން ފާހަގަ ކުރަށްވާފައެވެ. މި ބައްދަލުކޮށްލެއްވުމުގައި މިނިސްޓަރު ދެއްކެވިވާހަކާގައި ވަނީ ސްކައުޓުން ކޮންމެ ތަނަކަށް ދިޔަނަމަވެސް ސްކައުޓްގެ ހުވާގައިވާފަދައިން ދީނާއި ގައުމިއްޔަތަށް އިސްކަން ދިނުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. މިގޮތުން ފަސްވަގުތު ނަމާދަށް ރައްކާތެރިވުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ. އަދި މިދަތުރުން ލިބޭ ތަޖުރިބާގެ ބޭނުން އަމިއްލަ ދިރިއުޅުމުގައި ހެޔޮގޮތުގައި ހިފުމަށް ވެސް ނަސޭހަތްތެރިވެވަޑައިގަތެވެ.

މި ޖަމްބޮރީގައި ބައިވެރިވާ ރާއްޖޭގެ ކޮންޓިންޖެންޓްގައި ހިމެނޭ ސްކައުޓުން ތަމްސީލްކުރާ ސްކޫލްތައް

  • އަފީފުއްދީން ސްކޫލް (ކުޅުދުއްފުށި ސިޓީ)
  • ހދ. ހަނިމާދޫ ސްކޫލް
  • ބ. އަތޮޅު ތައުލީމީ މަރުކަޒު
  • ރ. ހުޅުދުއްފާރު ސްކޫލް
  • މަޖީދިއްޔާ ސްކޫލް
  • އަމީނިއްޔާ ސްކޫލް
  • އަރަބިއްޔާ ސްކޫލް
  • ހިރިޔާ ސްކޫލް
  • އިމާދުއްދީން ސްކޫލް
  • ކަލާފާނު ސްކޫލް
  • އިސްކަންދަރު ސްކޫލް
  • ރެހެންދި ސްކޫލް
  • ހުރަވީ ސްކޫލް
  • ޖަމާލުއްދީން ސްކޫލް
  • ޅ. ނައިފަރު މަދުރަސަތުލް އިފްތިތާޙް
  • ޅ. އަތޮޅު މަދަރުސާ
  • ލ. އަތޮޅު ތައުލީމީ މަރުކަޒު
  • ސ. އަތޮޅު މަދަރުސާ
  • މަރަދޫ ސްކޫލް

ރާއްޖޭގައި ސްކައުޓް ޙަރަކާތް ފެށުނީ 1956 ވަނަ އަހަރުގައި މަޖީދިއްޔާ ސްކޫލްގައެވެ. ސްކައުޓުންނަކީ މުޖުތަމަޢުތެރޭގައި ހުންނަ ގިނަ ކަންކަމުގައި އެހީތެރިވުމުގެ ނަމޫނާ ޒަމާނުއްސުރެ ދައްކަމުން އަންނަ ޖަމާޢަތަކެވެ. އަޚުލާގީ މިންގަނޑު ހިފަހައްޓާ ޤައުމަށް ބޭނުންޖެހޭ ކޮންމެ ދަނޑިވަޅެއްގައި ގިނަ ޤުރުބާނީތަކެއް ވާންޖެހުނުނަމަވެސް ކުރީ ސަފުގައި ތިބޭ އެއްބަޔަކަށް ސްކައުޓުންވެއެވެ. އެގޮތުން ތާރީޚުގެ ތެރެއިން ސުނާމީ ކާރިސާއާއި، ކޯވިޑް-19ގެ އާލަމީ ވަބާ އާއި މާލެ ފެނަށް ޖެހުނު ކާރިސާ ފަދަ ކާރިސާތަކުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ ސްކައުޓުންވަނީ ނަމޫނާ ހިތްވަރެއް ދައްކާފައެވެ. ރާއްޖޭގެ ސްކައުޓް ހަރަކާތަށް މިހާރު 66 އަހަރު ފުރިފައިވާއިރު ރާއްޖޭގައި މިވަގުތު 12 ހާހަށްވުރެ ގިނަ ސްކައުޓުން އެބަތިއްބެވެ.

ސްކައުޓް ޢާއިލާއަކީ މުޅި ދުނިޔޭގައި ވެސް އެންމެ ބިޔަ އެއް ޢާއިލާއެވެ. މިގޮތުން ދުނިޔޭގެ އެކި ޤައުމުތަކުގައި 50 މިލިއަނަށްވުރެ ގިނަ ސްކައުޓުން އުޅެއެވެ.