ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ބަނދަރު މަގުގައި އިންދުމަށް ބޭނުންވާ ކަދުރު ރުއް ފޯރުކޮށްދޭނެ ބަޔަކު ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން މި މަހުގެ 9 ވަނަ ދުވަހު 11:00 ގައި ހޯރަފުށީ ކައުންސިލް އިދާރާގައި ބޭއްވުމަށް ތާވަލު ކޮށްފައިވާއިރު، މިބައްދަލު ވުމުގައި އަންދާސީ ހިސާބު ހުށަހަޅާ ފޯމް ދޫކިރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އަންދާސީ ހިސާބު ހުށަހަޅާ ފޯމާއި ޙަވާލުވެލެއްވުމަށާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް ބަދަލުގައި ޙާޟިރުވެލައްވާ ފަރާތުން ހުށަހަޅުއްވަން ޖެހެއެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބާއްވާ ބައްދަުވުން ބޭއްވުމަށް ތާވަލު ކޮށްފައި ވަނީ މި މަހުގެ 18 ވަނަ ދުވަހު 11:00 ގައި އެ ކައުންސިލް އިދާރާގައެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުވެލައްވާ ފަރާތްތަކަށެވެ.
ހޯރަފުއްޓަކީ އެރަށް ފެހި ކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ރަށެކެވެ. މިގޮތުން އެ ރަށުގައި ތަރައްގީކޮށްފައިވާ އެއާޕޯޓު ހިމެނޭ ސަރަހައްދު ފެހި ކުރުމަށް އެއް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިގެން ކުރިއަށް ގެންދާއިރު މީގެ ކުރިން އެރަށުގެ މަގުތަކުގައި އަނބު ގަސް އިންދުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންދިޔައެވެ. އަދި ބަނބުކެޔޮ ގަސް އާލާކުރުމަށް ބަނބުކެޔޮ ގަސް އިންދުމުގެ ހަރަކާތެއް ވެސް އެރަށުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!