އައިޖީއެމްއެޗްގެ ނާރުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ރަޝީދު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) ގައި ތިން ދުވަހުގެ މުއްދަތަށް ބަލިމީހުން ބައްލަވާގޮތަށް ހަމަޖެހިއްޖެއެވެ.

ކޭއާރުއެޗުން ވިދާޅުވެފައިވާ ގޮތުގައި ނާރުގެ ބަލިތަކުގެ ހާއްސަ ޑަކްޓަރު، ޑރ. އަހުމަދު ރަޝީދު އެ ހޮސްޕިޓަލްގައި ބަލިމީހުން ބެއްލެވުމަށް ހަމަޖެހިފައި ވަނީ މި ޖެނުއަރީ މަހުގެ 15 އިން 17 އަށެވެ.

Ad
rt

ޑަކްޓަރަށް ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކުން ވެއިޓްލިސްޓް ކުރުމުގެ ފުރުސަތުވެސް މިހާރު އެ ހޮސްޕިޓަލުން ހުޅުވާލާފައިވާއިރު، ވެއިޓްލިސްޓް ކުރުމަށް ހަވީރު 18:00 އާއި ހެނދުނު 06:00 އާއި ދެމެދު އެ ހޮސްޕިޓަލުގެ ނަންބަރު 6528864 ށް ގުޅުއްވައިގެން ކުރިއަށް ގެންދެވުން ކޭއާރުއެޗުން ވަނީ އެދިފައެވެ. ވެއިޓްލިސްޓް ކުރުން ކުރިއަށް ގެންދަން ނިންމާފައި ވަނީ 10 ޖެނުއަރީ 2023 ގެ ނިޔަލަށެވެ.

ޑަކްޓަރު، ޑރ. އަހުމަދު ރަޝީދަކީ ނާރު ބަލިތަކުގެ ގިނަ އަދަދެއްގެ ދިވެހިންގެ އިތުބާރު ހޯދާފައިވާ މަގްބޫލް ޑަކްޓަރެކެވެ. އައިޖީއެމްއެޗްގެ އިތުރުން ބައެއް ކްލިނިކްތަކުގައި ވެސް އޭނާ ބަލިމީހުން ބައްލަވައެވެ.

ޑަކްޓަރު، ޑރ. އަހުމަދު ރަޝީދު ކޭއާރުއެޗުގައި ބަލިމީހުން ބައްލަވާގޮތަށް ހަމަޖެހުމުން ދިޔުމުން މިއީ ބޮޑުތިލަދުންމަތީގެ ރައްތަކުގައި ތިބި ނާރުގެ ބަލިތަކުގެ މީހުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިކަމެކެވެ.

ކޭއާރުއެޗުން ގެންދަވަނީ މިނޫން ވެސް ހާއްސަ ބަލިތަކުގެ ޑަކްޓަރުންނަށް އެ ހޮސްޕިޓަލް މެދުވެރިކޮށް ދެއްކުމުގެ ގިނަ ފުރުސަތުތަކެއް ފަހިކޮށްދެމުންނެވެ.

މީގެ އިތުރުން ފާއިތުވީ، ހަތަރު އަހަރެއްހާ ދުވުހުގެ ތެރޭގައި ކޭއާރުއެޗުން ވަނީ ބޮޑެތި ކުރިއެންތަކެއް ހޯދާފައެވެ. މިގޮތުން ޑަކްޓަރުންނާއި ނަރުހުންގެ އަދަދު ބޮޑުތަނުން އިތުރުކުރެވި، އެމް.އާރު.އައި، މެމޮގްރަފީ، ސީޓީ ސްކޭން އަދި ޑައިގްނޯސްޓިކްގެ ގިނަ ހިދުމަތްތަކެއް ފެށި، ސިއްހީ ހިދުމަތް ހޯދުމަށް މާލެ ދާންޖެހޭ ޖެހުން ވަރަށް ބޮޑަށް މަދުކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ.