ހދ. ކުނބުރުދޫގައި ވޭސްޓް ޓްރާންސްފަރ ސްޓޭޝަން އަންނަ މާރޗު މަހު އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ތިމާވެއްޓާއިބެހޭ ވުޒާރާ އިން ވިދާޅުވެއްޖެ އެވެ.

މިދިޔަ ޖޫން މަހު، އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވާ މި މަޝްރޫއުގެ ދަށުން އެރަށަށް ވަދެނިކުތުމަށް ބޭނުންކުރާ ނެރު ފުންކުރުމާއި، ކުނި މެނޭޖްކުރާ ސަރަހައްދުގެ މަގު ސާފުކުރުމުގެ މަސައްކަތާއި، ޑީޕް ސްޓްރިޕް ފައުންޑޭޝަން ހެދުމުގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އަދި ލީން ކޮންކްރީޓް އެޅުމުގެ މަސައްކަތް ވސް މިހާރު ނިމިފައިވާކަމަށް ވިދާޅުވި އެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން އެ ރަށުގައި ސްޓޯރޭޖް ޝެޑެއް ހެދުމާއި، އެކްސެސް ރޭމްޕެއް ހެދުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެންވަޔަރްމެންޓް މިނިސްޓްރީން ވިދާޅުވީ މިއީ ކުނީގެ މައްސަލައަށް އަވަސް ހައްލެއް ގެނެސްދިނުމަށް، ވަގުތީގޮތުން ބޭނުން ކުރުމަށް ޤާއިމުކުރާ ސްޓޭޝަނެއް ކަމަށެވެ.

"އެކަމަކު ދާއިމީގޮތެއްގައި އެރަށުގައި ތަރައްގީކުރާ ވޭސްޓް މެނޭޖްމަންޓް ސެންޓަރު ހެދުމަށް ބޭނުންވާ ފަންޑު އޮފިޑު ފަންޑު މެދުވެރިކޮށް ވަނީ ހަމަޖައްސާފަ. އަދި މިހާރު ކުރިއަށްދަނީ ޑިޒައިނިންގގެ މަސައްކަތް." އެންވަޔަރްމެންޓް މިނިސްޓްރީން ވިދާޅުވި އެވެ.

ސަރުކާރުން ވިދާޅުވެފައިވަނީ ސަރަޙައްދީ ފެންވަރުގައި ކުނބުރުދޫގައި މި ސްޓޭޝަނާއެކު އުތުރުގެ ރަށްރަށަށް ކުރިމަތިވެފައިވާ ކުނީގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެ ކަމަށެވެ.

ހއ. އަތޮޅާއި، ހދ. އަތޮޅާއި ށ. އަތޮޅުގެ ރަށްރަށުގައި އުފެދޭ ކުނީގެ ތެރެއިން ރަށުން ބޭރުކުރަންޖެހޭ ކުނި މެނޭޖްކުރުމަށް ހަމަޖެހިފައި ވަނީ ކުނބުރުދޫ ޓްރާންސްފަރ ސްޓޭޝަން މެދުވެރިކޮށެވެ. މިއީ ދައުލަތުގެ ބަޖެޓުން 1.45 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްގީކުރާ ތަނެކެވެ.