ބަދަލު ހިފުމުގެ ގޮތުން އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލިކަމަށް ބުނާ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ އިދިކޮޅު އެކްޓިވިސްޓް، އައްބާސް އާދިލް ރިޒާގެ ބަންދަށް 7 ދުވަސް އިތުރުކޮށްފި އެވެ.
އައްބާސް އާދިލް ރިޒާގެ ބަންދުގެ މުއްދަތު 7 ދުވަހަށް އިތުރުކޮށްފައި މިވަނީ، އޭނާގެ ބަންދުގެ މުއްދަތު ހަމަވުމުން ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އައްބާސް އާދިލް ރިޒާ މިއަދު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ އޭނާގެ ނަމުގައި ހިންގަމުން އަންނަ ޓްވިޓަރ އެކައުންޓަކުން، ކުރި ޓްވީޓެއްގެ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.
އައްބާސްގެ ޓްވީޓްގައި ބުނެފައި ވަނީ ''ފެބުރުއަރީ 8 ގައި އިންޑިޔާގެ އޯޑަރަށް އައްޑޫގައި ހުޅުޖެހީ. އެކަމުގެ ބަދަލު އަދި އޮތީ ނުހިފި. އެމްބަސީން ފަށަން އަޅުގަނޑަށް ފެންނަނީ'' މިހެންނެވެ.
އައްބާސްގެ މި ޓްވީޓްގެ ސަބަބުން އިންޑިއާ އެމްބަސީގައި ހުޅުޖަހަން ހިތްވަރުލިބޭ ކަމަށް ބުނެ އެކަން ވަނީ ބައެއް ފަރާތްތަކުން ކުށްވެރިކޮށްފައެވެ. އޭގެ ތެރޭގައި ސަރުކާރާއި، ބައެއް ވަޒީރުން ނާއި އަދި އެމްޑީޕީ ހިމެނެއެވެ.
އައްބާސް ހައްޔަރު ކުރުން އިދިކޮޅުން ސިފަކޮށްފައިވަނީ އެކަމަކީ އޭނާ ފްރޭމް ކުރުމުގެ ޢަމަލެއްގެ ގޮތުގައި ކަމަށެވެ. މިގޮތުން ހުޅުމާލެ ދާއިރާ ކައުންސިލަރު އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެފައި ވަނީ، އިންޑިޔާ ރުއްސަން އައްބާސް އާދިލް ރިޒާ ފްރޭމް ކޮށްފައިވާ ކަމަށެވެ.
އައްބާސް އާދިލް ރިޒާ އަކީ ރައީސް ޔާމީންގެ ސަރުކާރުގައި ކަސްޓަމްސްގެ ކޮމިޝަނަރުކަމާއި މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޓްރޭޑް ރިޕްރަޒެންޓޭޓިވްގެ މަގާމު އަދާކުރައްވާފައިވާ ފަރާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!