ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ޕްރައިމަރީ ކެމްޕޭން އޮފީހެއް ކުޅުދުއްފުށި ސިޓީގައި ހުޅުވައިފި އެވެ.
މި އޮފީސް ހުޅުވާފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ފެއްޓެވުމަށް ބޮޑު ތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނެވެ.
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު "ތިލަދުން" އަށް ވިދާޅުވީ މި އޮފީސް ހުންނާނީ ކުޅުުދުއްފުށި ސިޓީގެ ބޮޑުފެންވަޅުގޭގައި ކަމަށެވެ.
ނަޝީދުގެ މި ދަތުރުފުޅުގައި ހޯރަފުށި، އިހަވަންދޫ، ކެލާ އަދި ދިއްދޫގައި ތިބި އެޕާޓީގެ މެމްބަރުންނާއި ތާއީދުކުރައްވާ ފަރާތްތަކާ ބައްދަލުކުރައްވާ 'ދޮރުން ދޮރަށް' ވަނީ ހިންގަވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވައިކަރަދޫ، ކުމުންދޫ އަދި ކުޅުދުއްފުށި ސިޓީގައި ވެސް ޒިޔާރަތް ކުރެއްވި އެވެ.
ތިލަދުންމައްޗަށް ކުރައްވާ މި ދަތުރު ފައްޓަވާފައިވަނީ މި ޑިސެމްބަރު މަހުގެ 29 ވީ ބްރާސްފަތި ދުވަހުން އެވެ. މިއަދު ވަނީ ށ. ކޮމަންޑޫއަށްވެސް ވަޑައިގަންނަވާފަ އެވެ.
އެމްޑީޕީގެ ރިޔާސީ ރޭހުގައި ވާދަކުރުމަށް ހުޅުވައިލުމުން ނަޝީދުގެ އިތުރުން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވައި، ފޯމު ހުށަހަޅުއްވާފަ އެވެ.
އެމްޑީޕީއިން ޕްރައިމަރީއަށް ތައްޔާރުވަމުން އަންނައިރު، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން އަންނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ކަމަށް، އެ ކޯލިޝަނުން ވަނީ ރަސްމީކޮށް އިއުލާންކޮށްފަ އެވެ. ޔާމީނަށް ޓިކެޓް ދީފައި ވަނީ ޕްރައިމަރީއަކާނުލައި އިދިކޮޅުގެ ސެނެޓުގެ އިއްތިފާގުން ނެވެ.
އެހެންނަމަވެސް ވ. އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާއެއް ސާބިތުވުމުން ކޯޓުން އެމަނިކުފާނަށް ވަނީ 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް އިއްވާފަ އެވެ.
ޔާމީންގެ އިތުރުން، އެމްއެންޕީގެ ޓިކެޓުގައި އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވާދަކުރައްވާނެ ކަން ކަށަވަރުވެފައިވާއިރު، އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު ވެސް އިންތިހާބުގައި ކުރިމަތިލައްވާނެ ކަމަށް ވަނީ އިއުލާނު ކުރައްވައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!