ހދ. ހަނިމާދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމުގައިވާ ސާއްބަ އެކުވެރި ކުލަބްގެ ފަރާތުން އިންތިޒާމް ކޮށްގެން، އެ ކުލަބުގެ އަހަރީ ދުވަހާއި ގުޅުވައިގެން ބާއްވަމުން އަންނަ "ސާއްބަ އެނިވާސަރީ ކަޕް 2022" ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ޔޫތު ފްރެންޑްސްއާއި ރިއަލް ސްޓާސް އަދި އަހުލީއާއި ފަލްކަން ބައްދަލުކުރަން ޖެހިއްޖެއެވެ.

ޖުމްލަ ހަތް ޓީމަކުން ބައިވެރިވި މި މުބާރާތް ރާވާލާފައި ވަނީ ދެ ގްރޫޕަކަށް ބަހާލުމަށް ފަހު ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ޓީމަށް ސެމީ ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. ގްރޫޕް އޭގައި ހިމެނެނީ ޝީލްޑް، އަހުލީ، ޔުނީފޯމް އަދި ޔޫތު ފްރެންޑްސްއެވެ. ގްރޫޕް ބީގައި ހިމެނެނީ ރޫހް، ރިއަލް ސްޓާރސް އަދި ފަލްކޮންއެވެ.

Ad
rt

މުބާރާތުގެ ގްރޫޕް ބުރު މިއަދު ކުޅެ ނިމިފައިވާއިރު، ގްރޫޕް އޭގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީން ޖާގަ ހޯދީ އަހުލީއެވެ. މި ގްރޫޕްގެ ދެވަނަ ހޯދީ ޔޫތު ފްރެންޑްސްއެވެ. ގްރޫޕް ބީގެ އެއްވަނަ ރިއަލް ސްޓާސް ހޯދިއިރު ދެވަނަ ހޯދީ ފަލްކަންއެވެ.

މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޖަނަވަރީ އެއްވަނަ ދުވަހު ބައްދަލުކުރާނީ ގްރޫޕް އޭގެ އެއްވަނަ ހޯދި އަހުލީއާއި ގްރޫޕް ބީގެ ދެވަނަ ހޯދި ފަލްކަންއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައި ވަނީ އެ ދުވަހުގެ ހަވީރު 16:00 ގައެވެ.

ސެމީ ފައިނަލުގެ ދެވަނަ މެޗު ޖަނަވަރީ ދެވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު އެ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގެ ދެވަނަ ހޯދި ޔޫތު ފްރެންޑްސްއާއި ގްރޫޕް ބީގެ އެއްވަނަ ހޯދި ރިއަލް ސްޓާސްއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައި ވަނީ އެ ދުވަހުގެ ހަވީރު 16:00 ގައެވެ.