މޮޅުކަމާއި ބޮޑާކަން ދެއްކުމަށް، ރައީސަކު އަމިއްލަ ގައުމުގައި އިނގިރޭސިބަހުން ވާހަކަ ދެއްކުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް ޖަޕާނުގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރ މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް، މީޑިއާ ބްރީފިންއެއް ނުބާއްވަވާތާ ހައެއްކަ މަސް ވޭތުވުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގައި އިނގިރޭސިބަހުން ހިންގާ ނޫހެއްގެ ދިވެހި ނޫސް ވެރިއަކު ވަނީ ރައީސް އާއި އިނގިރޭސި ބަހުން ސުވާލު ކޮށްފައެވެ. އެ ސުވާލަށް ރައީސް ޖަވާބުދެއްވީ ދިވެހި ބަހުންނެވެ.
މިކަމާއިގުޅިގެން ބައެއް އިދިކޮޅު ފަރާތްތައް ވާހަކަދައްކާފައިވާ ދަނޑިވަޅެއްގައި ކުރިން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރުކަން ވެސް ކުރަށްވާފައިވާ އަމީތު ވިދާޅުވީ، ޕްރެސްތަކުގައި އެގައުމެއްގެ އަމިއްލަ މާދަރީ ބަހުން ވާހަކަ ދެއްކުމަކީ ފަޚުރެއް ކަމުގައި ހުރިހާ ގައުމެއްގެ ރައީސުން ވެސް ދެކިވަޑައިގަންނަވާ ކަމަށެވެ.
''މޮޅުކަމާއި ބޮޑާކަން ދެއްކުމަށް، ރައީސަކު އަމުދުން އަމިއްލަ ގައުމުގައި އިނގިރޭސިބަހުން ވާހަކަ ދެއްކުމަކީ ކޮށްގެންވާނެ ކަމެއްވެސް ނޫން'' އަމީތު ވިދާޅުވެފައެވެ.
ޕްރެސްތަކުގައި އެގައުމެއްގެ އަމިއްލަ މާދަރީ ބަހުން ވާހަކަ ދެއްކުމަކީ ފަޚުރެއް ކަމުގައި ހުރިހާ ގައުމެއްގެ ރައީސުންވެސް ދެކޭ.
މޮޅުކަމާއި ބޮޑާކަން ދެއްކުމަށް، ރައީސަކު އަމުދުން އަމިއްލަ ގައުމުގައި އިނގިރޭސިބަހުން ވާހަކަ ދެއްކުމަކީ ކޮށްގެންވާނެ ކަމެއްވެސް ނޫން.
— Mohamed Ameeth (@MohamedAmeeth) December 29, 2022
އާންމުގޮތެއްގައި ގައުމުތަކުގައި އެގައުމުތަކުގެ ސަގާފަތާއި އާދަކާދަތައް ދަމަހައްޓައި އަމިއްލަ ބަހަށް އިސްކަން ދިނުމަކީ ޤައުމުތަކުގެ ވެރިންނާއި ސަރުކާރުތަކުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެކެވެ. މިގޮތުން ގައުމުގެ ހައިބަތު ހިފެހެއްޓުމަށް ބައިނަލްއަގްވާމީ ބޮޑެތި ކޮންފަރެންސްތަކުގައި ވެސް އެ ޤައުމެއްގެ އަމިއްލަ ބަހުން އެ ޤައުމެއްގެ ރައީސް ތަގްރީރުކުރުމަކީ ހިނގަމުން އަންނަ ކަމެކެވެ.
ރާއްޖޭގެ ބައެއް ރައީސުން އެ ރައީސުން ބޭއްވި ބައެއް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބޭރުގެ މީޑިއާތކަށް ނިސްބަތްވާ، ބޭރުގެ ނޫސްވެރިން ކޮށްފައިވާ ސުވާލުތަކަށް އިނގިރޭސިބަހުން ޖަވާބުދީފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!