ބައެއްގެ އަތުން ވައްކަމެއް ނުކުރަން ކަމަށާއި ދޮގު އިލްޒާމު އަޅުވާ އަބުރު ކަތިލުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްޙާން ފަހުމީ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ރައީސް ޞާލިޙަށް ތާއީދުކޮށް އެމަނިކުފާނުގެ ދިފާއުގައި ވާހަކަދައްކައި އެމަނިކުފާނުގެ ވާދަވެރިންނަށް ބަހުގެ ހަމަލާތައް ދޭތީ ޕޮންޒީ ސުކީމެއް ހިންގައި އޮޅުވާލައިގެން އެތައް ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދިު ކަމަށް ރާއްޖޭގެ އޮންލައިން ނޫހެއްގައި ޖަހާފައިވާތީ، އެކަމަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގަ އެވެ.

Ad
rt

"އަޅުގަނޑު ބައެއްގެ އަތުން ވައްކަމެއް ނުކުރަން! ދޮގު އިލްޒާމު އަޅުވާ އަބުރު ކަތިލުމަކީ ޒިންމާދާރު ނޫސްވެރިކަމެއް ނޫން! އަބުރުގެ ދަޢުވާ ކުރާނަން! ރައީސް އިބްރާހިމް މުހައްމަދު ސާލިހު ސަރުކާރުން ހިމާޔަތް ދޭންޖެހޭ ޖަރީމާއެއް ނުހިންގަން!" އަލްހާން ވިދާޅުވެފައި ވެއެވެ.

އަލްހާން މިހެން ވިދާޅުވެފައިވާއިރު، އޭނާގެ ހިއްސާ އޮންނަ ކިންގްސް ޓްރޭޑިންގގެ ނަމުގައި، ޓްރޭޑުކޮށްގެން ފައިދާ ހޯދައިދޭނެކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައިވަ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.

އެ މައްސަަލައިގެ ތަހުގީގު ފުލުހުން ފަށާފައިވާއިރު، އެތައް މިލިއަން ރުފިޔާ، ނަގާފައިވާ ކަމަށް އެކި މަސްދަރުތަކުން ވަނީ ހާމަކޮށްފަ އެވެ.

އެ މައްސަލަ އާންމުންގެ ސަމާލުކަމަށް އައިސްފައިވަނީ ގިނަ އަދަދަކަށް ފައިސާ ނަގައިގެން ޕޮންޒީ ސްކީމެއް ހިންގާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މި އަހަރުގެ މާރޗު މަހު ހާމަކުރުމާ ގުޅިގެންނެވެ.

އެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައި، މޭ މަހުގެ ތެރޭގައި ފުލުހުންގެ އިދާރާ އަށް، އަލްހާން ހާޒިރުކޮށް އޭނާގެ ބަޔާން ވެސް ވަނީ ނަގާފަ އެވެ.

އޭނާގެ މައްޗަށް މަނީލޯންޑަރިންގެ ކުށުގެ ތުހުމަތު، ފުލުހުން ކުރާއިރު، އެ ތުހުމަތަށް އަލްހާން ވަނީ އިންކާރު ކުރައްވާފަ އެވެ.