ކަމާބެހޭ ހުރިހާ ފަރާތްތަކަކުން ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިންސާފު ހޯދައިދިނުމަށް ހއ. ކެލާ ކައުންސިލުން ގޮވާލައިފިއެވެ.
ކެލާ ކައުންސިލުން މިފަދައިން ގޮވައިލީ، ޔާމީންގެ މައްޗަށް ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާއެއް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމަކާ އެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން ނެރެފައިވާ ބަޔާނެއްގައެވެ.
ވ. އާރަށް މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން މި ހިނގާ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ވަނީ ޙުކުމް ކޮށްފައެވެ. އެ މައްސަލާގައި ޔާމީންގެ މައްޗަށް އިއްވީ 11 އަހަރުގެ ޖަލު ހުކުމަކާ އެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެކެވެ. ޖޫރިމަނާ ފައިސާ އެ ދުވަހުން ފެށިގެން ހަ މަސް ތެރޭގައި ދައުލަތަށް ދައްކަން ވެސް އެންގި އެވެ. އަދި ހުކުމް ދެމި އޮތްހާ ހިނދަކު، އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ވަނީ ގެއްލިފައެވެ.
ޔާމީނަށް ކޮށްފައިވާ ހުކުމާއިގުޅިގެން އިދިކޮޅު ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ކެލާ ކައުންސިލުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމާމެދު އެ ކައުންސިލާއި އެރަށުގެ ގިނަ ރައްޔިތުން ކަންބޮޑުވާ ކަމަށެވެ. އަދި މި ހުކުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އެމަނިކުފާނު ވާދަކުރައްވަން ނުކުންނެވުމުން އެ ފުރުސަތުވެސް އެމަނިކުފާނުގެ ކިބައިން ނިއުޅައިގަތުމަށް ކޮށްފައިވާ ހުކުމެއްކަމަށް ވިދާޅުވެފަވެއެވެ.
އެ ބަޔާނުގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީނަށް ކޮށްފައިވާ ޙުކުމަކީ މުޅި ދިވެހި އުއްމަތަށް ލިބިގެން ދިޔަ ނިކަމެތި ކަމެއް ކަމަށެވެ. އަދި ހުކުމަކީ ސިޔާސީ ގޮތުން ކޮށްފައިވާ ހުކުމެއް ކަމަށް ވިދާޅުވެފަވެއެވެ.
''އެމަނިކުފާނަށް އިންސާފު ހޯދައިދިނުމަށް ކަމާގުޅުން ހުރި ހުރިހާ މުއައްސަސާތަކަށް ކެލާ ކައުންސިލުން ހަރުއަޑުން ގޮވައިލަމެވެ.'' އެބަޔާނުގައި ވިދާޅުވެފަވެއެވެ.
ކެލާ ކައުންސިލްގެ އެ ބަޔާނުގައި ވިދާޅުވެފައިވަނީ އެކައުންސިލުން ދެކިވަޑައިގަންނަވާ ގޮތުގައި، ޔާމީނަށް ކުރި ހުކުމްގެ ސަބަބުން ރާއްޖޭގެ ތަރައްގީ އެތައް ގުނައެއް ފަހަތަށް ސޮހިގެން ދާނެއެވެ. އަދި ޔާމީނަކީ ކެލާގެ ތަރައްގީއަށް ޚިދުމަތްތެރި ވެރިއެއް ކަމަށް ވެސް އެބަޔާނުގައި ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!