ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެމްޕެއިންގައި ވާދަކުރައްވާ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ފެއްޓެވުމަށް ބޮޑު ތިލަދުންމައްޗަށް މިއަދު ވަޑައިގެންފި އެވެ.

މި ދަތުރުފުޅާއި ބެހޭގޮތުން 'ތިލަދުން' އަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ މިހައިތަނަށް ތިން ރަށަކަށް ވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން އެންމެފުރަތަމަ ވަޑައިގެންނެވީ ހޯރަފުއްޓަށް ކަމަށާއި ދެން އިހަވަންދޫ އަދި މިހާރުތިބީ ކެލާގައި ކަމަށް އޭނާ ވިދާޅުވި އެވެ.

Ad
rt

"އެންމެފުރަތަމަ އައީ ހޯރަފުއްޓަށް. ދެން އިހަވަންދޫ އަށް ދިއުމަށްފަހު މިހާރުމިތިބީ ކެލާގަ. ދެން މިރޭ އިރުއޮއްސޭއިރު ދާނީ ދިއްދޫއަށް. މިރޭ ތިބޭނީ އެރަށުގަ." ޝިފާޒު ވިދާޅުވި އެވެ.

ޝިފާޒު އިތުރަށް ވިދާޅުވީ މިއިން ކޮންމެ ރަށެއްގައި ވެސް އެޕާޓީގެ މެމްބަރުންނާއި ތާއީދުކުރައްވާ ފަރާތްތަކާ ބައްދަލުކުރައްވާ 'ދޮރުން ދޮރަށް' ހިންގަވާނެ ކަމަށެވެ.

މީގެ އިތުރުން ވައިކަރަދޫ، ކުމުންދޫ އަށް މާދަމާ ވަޑައިގަންނަވާނެ ކަމަށާއި މާދަން ރޭ ހޭދަކުރައްވާނީ ކުޅުދުއްފުށީ ގައި ކަމަށް ވެސް ވިދާޅުވި އެވެ. މި ދަތުރުފުޅުގައި ބައެއް ރަށްރަށުގައި ކެމްޕޭން ޖަގަހަ ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޝިފާޒު ވިދާޅުވި އެވެ.

މިއަދުން ފެށިގެން މި ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ނަޝީދު، މާލެ ވަޑައިގަތުމުގެ ކުރިން ކިރިޔާވެސް މޫސުން ރަނގަޅުނަމަ، ހޮނިހިރު ދުވަހު ށ. ކޮމަންޑޫއަށް ވަޑައިގަންނަވާނެ ކަމަށް ވެސް ޝިފާޒު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ރޭހުގައި ވާދަކުރުމަށް ހުޅުވައިލުމުން ނަޝީދުގެ އިތުރުން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވައި، ފޯމު ހުށަހަޅުއްވާފަ އެވެ.

އެމްޑީޕީއިން ޕްރައިމަރީއަށް ތައްޔާރުވަމުން އަންނައިރު، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން އަންނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ކަމަށް، އެ ކޯލިޝަނުން ވަނީ ރަސްމީކޮށް އިއުލާންކޮށްފަ އެވެ. ޔާމީނަށް ޓިކެޓް ދީފައި ވަނީ ޕްރައިމަރީއަކާނުލައި އިދިކޮޅުގެ ސެނެޓުގެ އިއްތިފާގުން ނެވެ.

އެހެންނަމަވެސް ވ. އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާއެއް ސާބިތުވުމުން ކޯޓުން އެމަނިކުފާނަށް ވަނީ 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް އިއްވާފަ އެވެ.

ޔާމީންގެ އިތުރުން، އެމްއެންޕީގެ ޓިކެޓުގައި އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވާދަކުރައްވާނެ ކަން ކަށަވަރުވެފައިވާއިރު، އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު ވެސް އިންތިހާބުގައި ކުރިމަތިލައްވާނެ ކަމަށް ވަނީ އިއުލާނުކުރައްވައިފައެވެ.