ޖަލަށް ލިޔަސް ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަޑު މި ގައުމުން ކަނޑުވައެއް ނުލެވޭނެ ކަމަށް ހއ. އިހަވަންދޫ ކައުންސިލުން ވިދާޅުވެއްޖެ އެވެ.
އެ ކައުންސިލުން މިހެން ވިދާޅުވެފައި މިވަނީ ޔާމީންގެ މައްޗަށް ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާއެއް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމަކާ އެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން ނެރެފައިވާ ބަޔާނެއްގައެވެ.
އިހަވަންދޫ ކައުންސިލުން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ ރައީސް ޔާމީނަކީ ރާއްޖެއަށް މިހައިތަނަށް އެހެންވެރިޔަކު ގެނެސްދީފައި ނުވާ ވަރުގެ ގިނަގުނަ ތަރައްގީތައް ގެނެސްދީފައިވާ ބޭފުޅެއްކަން ދެބަސްވެވެން ނެތް ކަމަށެވެ. އަދި ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ހޯއްދަވާފައިވާ ރައީސެއްކަން ވެސް ދެބަސްވެވެން ނެތް ކަމަށެވެ.
މީގެ އިތުރުން އިގްތިސާދީ، އުމްރާނީ އަދި ސިއްހީ އެތަކެއް ތަރައްގީއެއް ގެނެސްދީފައިވާ ކަމަށާއި ގައުމުގައި މިހާރު ރޭވިގެން ކުރަމުންދާ ލާދީނީ ކަންކަމާއި ހިނގަމުންދާ ބޮޑެތި ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތަކާ ދެކޮޅަށް ފާޅުގައި ބަސްބުނެ، ގެއްލެމުންދާ ދިވެހި ގައުމުގެ ސިޔާދަތާއި ބާރު ދިވެހިންނަށް ހޯދައިދޭނެކަމަށް ކެރިގެން ބަސް ބުނަމުންދާ ލީޑަރެއް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
"ބަޔަކު އަޑީގައި ތިބެ، ސިޔާސީ މަންފާއަކަށް ރާވައިގެން އެމަނިކުފާނުގެ މައްޗަށް 25 ޑިސެމްބަރ 2022 ގައި އިއްވި ހުކުމާއި މެދު އިހަވަންދޫ ކައުންސިލާއި ރައްޔިތުންގެ ނަމުގައި ނިހާޔަތަށް ކަންބޮޑުވުން ފާޅުކުރަމެވެ." ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ އެ ހުކުމަކީ މި ސަރުކާރުގެ ނުފޫޒާއި ބާރު ބޭނުންކޮށްގެން އިސްލާމި އުސޫލުތަކާއި ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ އަސާސްތަކާއި ހިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ސިޔާސީ ހަޔާތަށް ހުރަސް އަޅައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމަނިކުފާނު ފަސޭހަކަމާއެކު ކާމިޔާބުކުރާނެ ކަމުގެ ޔަގީންކަން އޮތުމުން އެމަނިކުފާނުގެ ސިޔާސީ ވާދަވެރިން ރާވައިގެން ހިންގާފައިވާ އަނިޔާވެރި ރޭވުމުގެ ތެރެއިން އިއްވާފައިވާ ބޭއިންސާފު ހުކުމެއް ކަމަށެވެ.
އެހެންކަމުން ޔާމީނަށް އިއްވާފައިވާ ހުކުމަކީ ދިވެހި އުއްމަތަށް ލިބުގެންދިޔަ ނިކަމެތިކަމެއް ކަމަށާއި މި ހުކުމަަށް ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވާފައިވާކަން ޝައްކެތް ނެތް ގޮތުގައި ހާމަވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!