ވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓް އެ ޕާޓީން އާންމުކޮށްފިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 28 ވާ ހޮނިހިރު ދުވަހުއެވެ.
ރިޔާސީ ޕްރައިމަރީގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓް އާންމުކޮށް ކުރުމަށް އެމްޑީޕީން ރޭ ކުރި ޢިއުލާނެއްގައި ބުނީ އެ ލިސްޓާއި މެދު ޝަކުވާ ހުށައަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް 1 ޖެނުއަރީ 2023 ވަނަ ދުވަހުގެ ހަވީރު 4:00 އާއި ހަމައަށް އެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
މީގެ އިތުރުން އެ ޕާޓީން ވަނީ ރިޔާސީ ޕްރައިމަރީ ގުލޭގޮތުން ހުށައެޅޭ ޝަކުވާތައް ބެލުމަށް ޝަކުވާބަލާ ކޮމެޓީއެއް އެކުލާލައި، އެ ޕްރައިމަރީ އާއި ގުޅޭ އެއްވެސް ޝަކުވާއެއް އޮތްނަމަ އެ ކޮމިޓީއަށް ހުށައެޅުމުގެ ފުރުޞަތު ވެސް އިއްޔެ ހުޅުވާލާފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާއިގުޅޭ ޝަކުވާ ބަލާ ކޮމެޓީގައި ހިމެނެނީ އަޙްމަދު އަބްދުﷲ އަފީފް އާއި އަފްޝަން ލަތީފް އަދި މުހައްމަދު ހާޝިމް އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ކުރިމަތިލާފައި ވަނީ އެ ޕާޓީގެ އެންމެ އިސް ލީޑަރު، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި، އެ ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ.
މި އިންތިޚާބުގައި ރައީސް ނަޝީދުގެ ކެންޑިޑޭޓް ނަމްބަރުއަކީ 1 އެވެ. ރައީސް ސާލިހްގެ ކެންޑިޑޭޓް ނަމްބަރަކީ 2 އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!