އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީއަށް ކުޅެމުން އަންނަ އިތުބާރު ޑިފެންޑަރ ރީސް ޖޭމްސްއަށް އަނެއްކާ ވެސް އަނިޔާ ވެއްޖެއެވެ.

މިދިޔަ އޮކްޓޯބަރ މަހު ޗެމްޕިއަންސް ލީގުގައި އޭސީ މިލާނާއި ދެކޮޅަށް އެ ޓީމް ކުޅުނު މެޗުގައި ޖޭމްސްގެ ކަކުލަށް ލިބުނު އަނިޔާއަށް ފަހު، އެ އަނިޔާއިން ރަނގަޅުވެ އޭނާ އެނބުރި ދަނޑަށް ކުޅެން ނުކުމެފައި ވަނީ އަންގާރަ ދުވަހުގެ ރޭ ޗެލްސީއާއި ބޯންމައުތު ބައްދަލުކުރި މެޗުގައެވެ.

Ad
rt

ނަމަވެސް ކުރިން އަނިޔާވި ކަކުލަށް އަނިޔާވެ އޭނާ ވަނީ މެޗުގެ 53 ވަނަ މިނެޓުގައި ބަދަލު ކޮށްފައެވެ. އޮކްޓޯބަރ މަހު ކަކުލަށް ލިބުނު އަނިޔާއާއި ގުޅިގެން ވޯލްޑް ކަޕަށް އިންގްލެންޑުން އެކުލަވާލި ޓީމުން ވެސް އޭނާއަށް ފުރުޞަތު ގެއްލުނެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ ބުނެފައި ވަނީ އޭނާ ކުޅެން ނެރުނީ މެޗުގެ ފުރިހަމަ ވަގުތު ކުޅުވަން ނޫން ކަމަށާއި، ކުރިން އަނިޔާ ވި ކަކުލަށް އަނެއްކާ ވެސް އަނިޔާ ވުމުން އެކަމާ ކަންބޮޑު ވާކަމަށެވެ.

ޕޮޓާ އިތުރަށް ބުނެފައި ވަނީ ޖޭމްސް ނެތް ތަން ދައްކާނެ ކަމަށާއި އޭނާ އަކީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއެއް ކަމަށެވެ. އަދި އޭނާ އަކީ ކޮންމެ ޓީމަކަށް ކުޅުނު ކަމުގައި ވިއަސް އެޓީމެއްގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާއަށް ވާނެ ކަމަށެވެ.

ވޯލްޑް ކަޕަށް ލީގު މެދު ކަނޑާލުމަށް ފަހު މި ހަފްތާގައި ލީގު ފެށިއިރު، ޗެލްސީ ކުޅުނު ފުރަތަމަ މެޗުގައި ބޯންމައުތު އަތުން ހޯދި މޮޅަކީ އެ ޓީމަށް މުހިންމު މޮޅެކެވެ. ސަބަބަކީ ވޯލްޑް ކަޕްގެ ކުރިން ކުޅުނު ފަސް މެޗުން ވެސް ޗެލްސީއަށް މޮޅެއް ހޯދިފައި ނެތުމުން އެ ޓީމަށާއި، އެ ޓީމްގެ ކޯޗށް އޮތް ޕްރެޝަރ މި ނަތީޖާގެ ސަބަބުން ދަށަށް ދާނެތީއެވެ.

މިވަގުތު ޗެލްސީ އޮތީ ޕޮއިންޓް ތާވަލުގެ އަށްވަނާގައެވެ. އެ ޓީމަށް 15 މެޗުން ލިބިފައި ވަނީ 24 ޕޮއިންޓެވެ.