މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތާއި ގުޅިގެން 7 މީހަކާއި 2 ކުންފުންޏެއްގެ މައްސަލަ ކޯޓުގައި މިހާރުވެސް ކުރިއަށްދާ ކަމަށާއި، 53 މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތަހްގީގު ކުރަމުން އެބަދާކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ސަރުކާރަށް ހަތަރު އަހަރު ފުރި ފަސް ވަނަ އަހަރު ގުނެމުންދާއިރު، އެމަނިކުފާނު ވެވަޑައިގަތް ވައުދުތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ 14 މައްސަލައެއް މީގެކުރިން ކޯޓަށް ހުށަހަޅާފައިވާކަން ފާހަގަ ކުރަށްވާފައެވެ. އަދި މީގެ ތެރެއިން 5 ފަރާތަކަށް ޖުމްލަ 43 ދައުވާއެއް ކޯޓުގައި ސާބިތުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

Ad
rt

ރައީސް ވިދާޅުވީ، އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތާއި ގުޅިގެން 7 މީހަކާއި 2 ކުންފުންޏެއްގެ މައްސަލަ ކޯޓުގައި މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އަދި އެ ޚިޔާނާތާގުޅޭ 53 މައްސަލަ އޭސީސީން މިހާރު ތަހްގީގު ކުރަމުން ދާކަމަށް ވެސް ވިދާޅުވިއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤު ކުރާ ކޮމިޝަނުން ކުރިއަށް ގެންދި ތަހްގީގުތަކާއި ގުޅޭ ތިން ރިޕޯޓެއް ވެސް މިހާތަނަށް އެމަނިކުފާނުގެ އަތްޕުޅަށް ލިބިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

''އެންމެފަހުން ލިބުނީ އަހްމަދު ރިޟްވާން އަބުދުﷲގެ ގެއްލުވާލި މައްސަލައިގެ ރިޕޯޓު، އެކަމާއި ގުޅިގެން 3 މީހެއްގެ މައްޗަށް މިހާރު ވެސް ކޯޓުގައި މައްސަލަ ހިނގަމުން އެބަދޭ، އިތުރު ފަރާތްތަކަށް ދައުވާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރިއަށް އެބަދޭ،'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މަރު ކޮމިޝަން ރިޕޯޓުގައި ފާހަގަކޮށްފައި ހުރިކަންކަން ދައުލަތުގެ އިދާރާތަކާއި ގުޅިގެން އިސްލާހް ކުރުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށް ގެންދަވާ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ މަރު ކޮމިޝަނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި ހަވާލުކުރި ބުރަ މަސައްކަތް ހިނގަމުން ދަނިކޮށް އެ ދެ ކޮމިޝަންގެ މަސައްކަތަށް ހުއްޓުމެއްއައިކަމަށެވެ.

''އެ ބޭފުޅުން ވިދާޅުވާގޮތުގައި 2020 ވަނަ އަހަރު އައިއިރު ކޮމިޝަނުން ތައްޔާރުކޮށްފައިވާ ޑްރާފްޓް ރިޕޯޓުތައް އާންމުވުމާއިގުޅިގެން މަސައްކަތްތައް ދުރުވެލި، މަރުކޮމިޝަންގެ މަސައްކަތައް އެއް އަހަރަށް މެދުކެނޑިގެންދިޔަ، ހެކިންނާއި މައުލޫމާތު ދޭންތިބި މީހުންގެ ނަންތައް ހާމަވުމުން މައުލޫމާތު ދިނުމަށް އެ ބޭފުޅުން ފަހަތަށް ޖެހުނު،'' ރައީސް ވިދާޅުވިއެވެ.

އެހެނަމަވެސް މި ދެކޮމިޝަނުން ބުރަ މަސައްކަތްތަކެއްކޮށް ނަތީޖާތަކެއް ނެރެފައިވާކަން ފާހަގަކުރަށްވާ ކަމަށް ވެސް ރައީސްގެ ވާހަަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.