މާލެއާއި އަތޮޅުތެރޭގައި ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ސަރުކާރުން ގިނަ މަޝްރޫޢުތަކެއް ހިންގަވަމުންދާކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ސަރުކާރަށް ހަތަރު އަހަރު ފުރި ފަސް ވަނަ އަހަރު ގުނެމުންދާއިރު، އެމަނިކުފާނު ވެވަޑައިގަތް ވައުދުތައް ފުއްދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެކަން ފާހަގަކުރައްވަމުން ރައީސް ވަނީ ކުރުކޮށް އެކަންކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

Ad
rt

މިގޮތުން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މާލެއާއި އަތޮޅުތެރޭގައި ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގެ އެކި މަޝްރޫޢުތައް ކުރިއަށް ދާކަމަށެވެ. އޭގެތެރޭގައި މާލޭގައި އަޅާ އެކި ކެޓަގަރީގެ 8700 ފްލެޓް ހިމެނޭކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

މާލޭގައި އަޅާ މި ފްލެޓްތަކުންކުރެ ފުރަތަމަ 4000 ފްލެޓަށް އެޕްލައިކުރުމަށް ހުޅުވާލި ފުރުސަތުގައި އެ ފްލެޓްތަކަށް އެދި 22667 މީހުންގެ ފަރާތުން 20697 އެޕްލިކޭޝަން ލިބިފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

''އަތޮޅުތެރޭގައި 4436 ފްލެޓާއި ރޯހައުސް އެޅުމުގެ މަސައްކަތްކުރިއަށް އެބަދޭ،'' ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މާލެ ސަރަހައްދުން ދޫކުރުމަށް ކަނޑައަޅާފައިވާ 5000 ގޯތި ދޫކުރުމަށް އެޕްލައިކުރުމަށް ހުޅުވާލި ފުރުސަތުގައި 23488 މީހުން ހިމެނޭގޮތަށް 15164 އެޕްލިކޭޝަން ލިބިފައިވާކަމަށް ވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން ސަރުކާރުން ދޫކުރަމުންދާ ގެދޮރުވެރިޔާ ލޯނު މިހާތަނަށް 183 މީހަކަށް، ޖުމްލަ 168 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.