މާލެ ސިޓީ ކައުންސިލާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯއާ) އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ވެމްކޯ އިން މާލޭގެ މަގުތައް ކުނިކަހައި ސާފުކުރުން ހުއްޓާލައިފި އެވެ.

ވެމްކޯ އިން ނެރުނު ބަޔާނެއްގައި ވަނީ މާލޭ ސިޓީ ކައުންސިލާއެކު ހަދާފައިވާ އެއްބަސްވުމަކީ ފަސް އަހަރުދުވަހުގެ މުއްދަތަށް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާ ކަމަށާއި އެ އެއްބަސްވުން އައު ނުކުރުމަށް އެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

Ad
rt

އެހެންކަމުން މާލެ، ވިލިމާލޭގެ މަގުތަކާއި ގޯޅިތައް އަދި ޕާކުތަކާއި މައިޒާންތައް ކުނި ކަހައި ސާފު ކުރުމާއި ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުން ކުނި ނެގުން ވެސް ހުއްޓާލާފައިވާ ކަމަށް ވެމްކޯ އިން ވަނީ ވިދާޅުވެފަ އެވެ. އަދި މާލޭގެ އެކި ތަންތަނަށް ގަވައިދާ ހިލާފަށް އަޅާފައި ހުންނަ ކުނި ނެގުން ވެސް ހުއްޓާލާފައިވާ ކަމަށް ވެމްކޯ އިން ވިދާޅުވި އެވެ.

އެހެންނަމަވެސް އެ ކުންފުނީގައި ރަޖިސްޓްރީވެފައިވާ ގޭބިސީތަކުން ކުނި ނެގުމުުގެ މަސައްކަތް ކުރާނެ ކަމަށް ވެމްކޯ އިން ވިދާޅުވެ އެވެ.

އެ އެއްބަސްވުން އައު ނުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމީ، މާޅެ ސަރަހައްދުގައި ކުނި ކަހައި ސާފު ކުރުމާއި ކުނި ނެގުން ފަދަ ކަންކަން ކުރުމުގައި ލަސްތަކެއް އުޅޭތީ ކަމަށް ބުނެއެވެ. އަދި އެފަދަ ޝަކުވާތައް އެ ކައުންސިލަށް ލިބެމުން އަންނާތީ ކަމަށް ބުނެއެވެ.

މަހެއްގެ މައްޗަށް 2.5 މިލިއަން ރުފިޔާ ވެމްކޯއަށް ހަރަދުކުރާ އިރު، މަގުމަތީގައި ބަހައްޓާފައި ހުންނަ ކުނިބުނި ގިނަވެ، އާންމުންނަށް އުނދަގޫވެ، ކައުންސިލަށް ބައިވަރު ޝަކުވާ ލިބެމުން ދާ ކަމަށާއި ވެމްކޯ އިން އެކަށީގެންވާ ގޮތެއްގައި ހިދުމަތް ދެމުން ނުދާ ކަން މާލެ ސިޓީ ކައުންސިލުން ވަނީ ކުރިން ވެސް ފާހަގަކޮށްފަ އެެވެ.

މާލޭގެ މަގުތައް ކުނިކަހައި ސާފުކުރުން ހުއްޓާލުމުން މާލޭ ސިޓީ ކައުންސިލުން އެ މަސައްކަތް ކުރުމަށް ނިންމާފައިވާ ގޮތަކީ ކޮބައިތޯ ބެލުމަށް ސުވާލު ކުރުމުން ސިޓީ ކައުންސިލުގެ ޖަވާބެއް އަދިވަނީ ލިބޭގޮތް ނުވެފަ އެވެ.