ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެމްޕެއިންގައި ވާދަކުރައްވާ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ފެއްޓެވުމަށް ބޮޑު ތިލަދުންމައްޗަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
ރައީސް ނަޝީދު ކެމްޕެއިން ޓީމްގެ އިސް އޮފިޝަލަކު މިއަދު ''ތިލަދުން' އަށް ވިދާޅުވީ، މިދަތުރުފުޅު ފައްޓަވަން މިހާރު ޕްލޭންކޮށްފައި އޮތީ މި ޑިސެމްބަރު މަހުގެ 29 ވާ ބްރާސްފަތި ދުވަހު ކަމަށެވެ. އަދި އެނބުރި މާލެ ވަޑައިގަންނަވަން ނިންމާފައި ވަނީ ޑިސެމްބަރު 31 ވާ ހޮނިހިރު ދުވަހު ކަމަށެވެ.
މި ދަތުރުފުޅުގައި ބޮޑު ތިލަދުންމަތީގެ ހުރިހައި ރަށަކަށް ވަޑައިނުގެންނެވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެހެންނަމަވެސް ވީހާވެސް ގިނަ ރަށަކަށް ވަޑައިގެންނެވުމަށް ނިންމަވާފައިވާ ކަމަށް ވެއެވެ. އޭނާ ވިދާޅުވިގޮތުން އެރަށްތައް އަދި ފައިނަލް ނުކުރަށްވައެވެ.
އެމްޑީޕީގެ ރިޔާސީ ރޭހުގައި ވާދަކުރުމަށް ހުޅުވައިލުމުން ނަޝިދުގެ އިތުރުން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވައި، ފޯމު ހުށަހަޅުއްވާފަ އެވެ.
އެމްޑީޕީއިން ޕްރައިމަރީއަށް ތައްޔާރުވަމުން އަންނައިރު، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން އަންނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ކަމަށް، އެ ކޯލިޝަނުން ވަނީ ރަސްމީކޮށް އިއުލާންކޮށްފަ އެވެ. ޔާމީނަށް ޓިކެޓް ދީފައި ވަނީ ޕްރައިމަރީއަކާނުލައި އިދިކޮޅުގެ ސެނެޓުގެ އިއްތިފާގުން ނެވެ.
އެހެންނަމަވެސް ވ. އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާއެއް ސާބިތުވުމުން ކޯޓުން އެމަނިކުފާނަށް ވަނީ 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް އިއްވާފަ އެވެ.
ޔާމީންގެ އިތުރުން، އެމްއެންޕީގެ ޓިކެޓުގައި އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވާދަކުރައްވާނެ ކަން ކަށަވަރުވެފައިވާއިރު، އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު ވެސް އިންތިހާބުގައި ކުރިމަތިލައްވާނެ ކަމަށް ވަނީ އިއުލާނުކުރައްވައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!