ގިނަ މީހުންގެ އީމެއިލް އިންބޮކްސްގައި ގިނައީ ނުކިޔާހުރި އީމެއިލްތަކެވެ. ފޭސްބުކާއި އެކި އެކި ވެބްސައިޓް ތަކުގައި ސަބްސްކުރައިބް ކުރެފައިވުމުން، ފޮނުވާ އެކި އެކި ނިއުސް ލެޓާތަކާއި އިސްތިހާރުތަކުން ޖީމެއިލް އޮންނަނީ ފުރި ބާރުވެފަ އެވެ.

ނުކިޔޭ އީމެއިލްތައް ގިނަވެ ހައްދުން ނެއްޓުމުން ނޮޓިފިކޭޝަން އޮފްކޮށްލާ މެއިލް އަންނާނެވަރަކަށް އައިސް އިންބޮކްސް ފުރެންދެން މެއިލްތައް ފުނިޖެހެން ފަށައެއެވެ. އަވަދި ނެތި އުޅެމުން އިންބޮކްސް ތަރުތީބުކޮށް ހަމައަކަށް އަޅުވަން އުޅެން ހަނދާންވަނީ ސްޕޭސް ހުސްވާކަމުގެ އިންޒާރުގެ މެސެޖާއި އެކުގައެވެ.

Ad
rt

މިއީ ގާތްގަނޑަކަށް އެއްފަހަރާ ހުރިހާ އީމެއިލްއެއް އަވަހަށް ޑިލީޓް ކުރެވޭނެ ގޮތެވެ. ނުވަތަ ވަކި ވަކިން ނުކިޔަސް އެކީ "ރީޑް" ކުރެވިދާނެއެވެ. އެއިރުން ނުކިޔާ ހުރި މެއިލްގެ ޖުމްލަ އަދަދު ނޮޓިފިކޭޝަން އިން ފެންނަ އިރު މަދުވާނެއެވެ.

ތިރީގައި މިވާ ގޮތްތައް ބޭނުންކުރެވޭނީ ހަމައެކަނި ޖީމެއިލްގެ ވެބް ވާޝަންގައެވެ.

ރީޑް ޑިލީޓް ނުވަތަ އަރުޝީފް؟

ނުކިޔާ ހުރިހާ އީމެއިލްތަކެއް ޑިލީޓް ކުރާން ބޭނުން ނުވާނަމަ، އެ އީމެއިލްތައް އަރުޝީފް (އާކައިވް) ކުރުމަށް ވެސް އިޚްތިޔާރު ކުރެވިދާނެ އެވެ.

ޖީމެއިލްގައި ޑިލީޓް ކޮށްފައިވާ އީމެއިލްތައް ދާއިމީ ގޮތެއްގައި ޑިލީޓް ކުރުމުގެ ކުރިން 30 ދުވަސް ވަންދެން ޓްރޭޝްގައި ހުންނާނެ އެވެ. ބޭނުންވާ މުހިންމު މެއިލްއެއް ޑިލީޓް ކުރެވުނުނަމަ ޓްރޭޝް ތެރެއަށް ވަދެ އެތަނުން އެ އީމެއިލްތައް ހޯދޭނެވެ.

އަރުޝީފް ކުރެވިފައިވާ އީމެއިލްތައް، މެއިލް ބޮކްސްގައި ސަރޗް ކުރެވޭ ގޮތަށް ހުންނާނެ އެވެ. ނަމަވެސް އެ އީމެއިލްތަކުން ސްޓޯރޭޖަށް ބާރުބޮޑު ވާނެއެވެ. މެއިލްތައް ޑިލީޑްކުރަނީ ސްޓޯރޭޖް އިން ޖާގަ ހޯދަން ނަމަ އަރުޝީފުން އަދި ޓްރޭޝްއިންވެސް ފޮހެލަން ޖެހޭނެ އެވެ.

އަވަހަށް ޑިލީޓް ކުރާނެ ގޮތް

ނުކިޔޭ އީމެއިލްތައް ޑިލީޓް ކުރަން ބޭނުންނަމަ މި އަވަސް ޓްރިކް ބޭނުންކޮށްގެން ނުހުޅުވާ ހުރިހާ އީމެއިލްތަކެއް ހޮވައި ޑިލީޓް ކުރުމަށް ކްލިކް ކުރެވިދާނެ އެވެ.

ވާތް ފަރާތު އަރިމަތިން ފެންނަ "މެއިލް" އަށް ފިތާލުމަށް ފަހު "އިންބޮކްސް" އަށް ފިތާލުމުން މަތިން "ޕްރައިމަރީ - ޕްރޮމޯޝަން - ޝޯޝަލް ޓެބް ފެންނާނެ އެވެ. ބޭނުންވާނަމަ "އަޕްޑޭޓް" އަދި "ފޯރަމްސް" ޓެބްވެސް ސެޓިން އިން އެނޭބަލް ކުރެވި ދާނެ އެވެ.

އާންމުކޮށް ޕްރައިމަރީ ޓެބްގައި ފިލްޓަރ ވެފައި ހުންނާނީ އެންމެ މުހިންމު މެއިލް ތަކެކެވެ. ޖީމެއިލް ހޮޓްމެއިލް އަދި ކުންފުނިތަކުން ފޮނުވާ އާންމު މެއިލްތަށް ފިލްޓަރ ވެގެން ފެންނާނީ މިބައިންނެވެ.

ދެވަނަ ޕްރޮމޯޝަން ޓެބުން ފެންނާނީ ޕްރޮމޯޝަން ނުވަތަ ނިއުސް ލެޓަރގެ ގޮތުގައި ފޮނުވާ މެއިލްތަކެވެ. ފަހުޓެބުން ފެންނާމީ މީސް މީޑިޔާގެ އެކި މަންސަތަކުން އަންނަ މެއިލްތަކެވެ. ފޭސްބުކް ނުވަތަ ޓުވިޓަރ އިން މެއިލް ނޯޓިފިކޭޝަން އޮންކޮށްފައި ހުންނަ ނަމަ މީހަކު ކޮމެންޓްއެއް ކުރުމުންވެސް މެއިލް އަންނާނީ އެޓެބަށެވެ. މިއީ އެންމެ ބޭކާރު މެއިލް ގިނަވާން ދިމާވާ އެއް ސަބަބުވެސް މެއެވެ.

މީގެން ޓެބެއްގައި ހުރި ހުރިހާ މެއިލްއެއް އެކީ ޑިލީޓްކޮށްލަން ބޭނުންނަމަ އީމެއިލްތަކުގެ މަތީގައި ހުންނަ ނެވިގޭޝަން ބާރގައި ހުންނަ ހުސް ގޮޅީގައި ޗެކް ކުރާށެވެ. ލިސްޓުން އޯލް’ ހޮވާށެވެ. ޑިލީޓް ކުރަން ނުކިޔާ މެސެޖުތަކުގެ އެއް ޞަފްޙާއަށްވުރެ ގިނަ ޞަފްޙާ ހުރިނަމަ، މެސެޖުގެ މަތީގައިވާ "Select all conversations that match this search" އަށް ފިތާލާށެވެ. އޭރުން ނުކިޔާ އެހެން ޕޭޖް ތަކުގައި ހުރި ހުރިހާ މެއިލެއްވެސް ސެލެކްޓް ވާނެ އެވެ. މިހެން ސެލެކްޓް ކުރާއިރު ކުރިން ކިޔާފައި ހުރި މެއިލްތައްވެސް ސެލެކްޓް ވާނެއެވެ.

ހަމަ އެކަނި ރީޑް ނުކުރާ މެއިލް ހޯދަން ބޭނުންވާނަމަ، ސަރޗް ބާރ އަށް ގޮސް is:unread ލިޔެލާށެވެ. މިހެން ސެލެކްޓް ކުރާއިރު ބޭނުންތެރި މެއިލްއެއް އިންތޯ ފަރުވާތެރިވާންވާނެ އެވެ. އިތުރަށް ޔަގީންކުރަން ބޭނުންނަމަ ޕޭޖަކުން ޕޭޖަކުން ގޮސް ބޭނުންތެރި މުހިންމު މެއިލްއެއް އިންނަމަ އަންޓިކް ކޮށްލާށެވެ. އެއަށްފަހު މެސެޖުތަކުގެ މަތީ ކަނާތްފަރާތުގައިވާ ޓްރެޝް އައިކޮން އަށް ފިތާލާށެވެ. އަރުޝީފް ކުރަން ބޭނުންނަމަ އާކައިވް އައިކަން ހިޔާރުކުރާށެވެ.

އެ އީމެއިލްތައް ދާއިމީ ގޮތެއްގައި ޑިލީޓްވާން ބޭނުންނަމަ، މަތީގައި ނޫކުލައިން އަރާ "Empty Trash now" އަށް ފިތާލުމުން އެކީ ފޮހެވިގެން ދާނެއެވެ.