ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރަން ގޮވައިލާ އިދިކޮޅުން ވެރިރަށް މާލޭގައި މިރޭ ވެސް މުޒާހަރާ ފަށައިފިއެވެ.

ވ. އާރަށް މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ. އެ މައްސަލާގައި ޔާމީންގެ މައްޗަށް އިއްވީ 11 އަހަރުގެ ޖަލު ހުކުމަކާ އެކު ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެކެވެ. ޖޫރިމަނާ ފައިސާ އިއްޔެއިން ފެށިގެން ހަ މަސް ތެރޭގައި ދައުލަތަށް ދައްކަން ވެސް އެންގި އެވެ.

Ad
rt

މި ހުކުމާއެކު އިދިކޮޅުން ރޭ ވެސް މުޒާހަރާކޮށްފައިވާއިރު، މިރޭ ވެސް ވަނީ މުޒާހަރާ ފަށާފައެވެ. މިވަގުތު މުޒާހަރާގެ ބައިބެރިން ތިބީ މަޖީދީ މަގާއި، ސޯސަން މަގާއި ގުޅޭ ސަރަހައްދުގައެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ކުރި މުޒާހަރާގައި 16 މީހަކު ހައްޔަރު ވެސް ކުރިއެވެ. އެ އެންމެން ވެސް މިހާރު ވަނީ ދޫކޮށްލާފައެވެ.

ވ. އާރަށް މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ޙުކުމް ކޮށްފައިވާއިރު، މި ހުކުމް ދެމި އޮތްހާ ހިނދަކު، އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ގެއްލޭނެ އެވެ.