ކޮޅިގަނޑެއްގެ އަސަރުކޮށް، މިރެއާއި މާދަމާ އުތުރުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވައިގަދަވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިރިއޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ބުނެފިއެވެ.
އެ އިދާރާއިން އާންމުކުރި މޫސާގުޅޭ މެސެޖެއްގައި ވިދާޅުވީ، ބޭ އޮފް ބެންގާލްގައި އުފެދުނު ކޮޅިގަނޑު އިއްޔެ ވަނީ ސްރީލަންކާ ހުރަސްކޮށްފައިކަމަށެވެ. އަދި މިކޮޅިގަނޑުގެ ބާރު ގަދަވެ މިވަގުތު ހުރީ ރާއްޖޭގެ އުތުރުން ކޮމޮރިން ކަނޑުތެރޭގައި، ލޯ ޕްރެޝަރ އޭރިއާއެއްގެ ގޮތުގައި ކަމަށް ވެސް ވިދާޅުވިއެވެ.
މެޓް އޮފީހުން ލަފާކުރަށްވާ ގޮތުގައި މި ކޮޅިގަނޑު ކުރިއަށް 24 ގަޑިއިރުގެ ތެރޭ ރާއްޖޭގެ އުތުރުން އަރަބި ކަނޑަށް ދަތުރުކުރާނެ އެވެ.
''އެހެންކަމުން މިރެއާއި މާދަމާ އުތުރުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ވައިގަދަވުން އެކަށީގެންވޭ'' މެޓް އޮފީހުން ވިދާޅުވެފަވެއެވެ.
މީގެ އިތުރުން މެޓް އޮފީހުން ވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށް ހުދު ސަމާލެ ނެރެފައެވެ. މިއަދު ހެނދުނު 11:15 އިން ހަވީރު 17:00 އަށް ނެރެފައިވާ މި ސަމާލުގެ ވަގުތުގައި އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދު ބާރު މިނުގައި ވައިޖެހި ކަނޑު ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކުރައްވާފައެވެ.
މި ދުވަސް ވަރަކީ ރާއްޖޭގެ ސްކޫލްތަކުގެ ދެވަނަ ޓާމް ބަންދު ދުވަސްތައް ކަމުން ގިނަ ބަޔަކު އެއްތަނުން އަނެއް ތަނަށް ދަތުރުކުރަމުންދާއިރު، ދަތުރުފަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސް ކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!