އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ރިޔާޒް ޓްރާންސްޕޯޓު މިނިސްޓްރީއަށް އަދި ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރގެ މަގާމުގައި ހުންނެވި ޝިމާޒު އަލީ ޔޫތް މިނިސްޓްރީއަށް ބަދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިޢުވާން މުހައްމަދު 'ތިލަދުން' އަށް ވިދާޅުވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒު ޓްރާންސްޕޯޓު މިނިސްޓްރީއަށް އަދި ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ ޔޫތް މިނިސްޓްރީއަށް ބަދަލު ކުރައްވާފައިވާ ކަމަށެވެ.

Ad
rt

އެހެންނަމަވެސް ބަދަލުކުރެއްވި ވަކި ސަބަބެއް ވިދާޅެއް ނުވެއެވެ.

ޝިމާޒު، ޔޫތް މިނިސްޓްރީއަށް ބަދަލުކުރައްވާފައި މިވަނީ އޭނާގެ މައްޗަށް ކޮރަޕްޝަންގެ މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.

އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ރާއްޖޭގައި ދުއްވާ އެއްގަމު އުޅަނދުފަހަރުގެ ނަންބަރު ޕްލޭޓް، ވަސާޖިއޯ ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރި މައްސަލައެއްގަ އެވެ. އެ މައްސަލައިގާ ޝިމާޒް އަލީ ހިމެނޭހެން 6 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް މިހާރުވަނީ ފޮނުވާފަ އެވެ.

މެޝިން ރީޑަބަލް ނަންބަރު ޕްލޭޓް ހަދަން ވަސާޖިއޯ އާ ހަވާލުކުރި އިރު، ޓްރާންސްޕޯޓް މިނިސްޓްރީގެ ބިޑް ކޮމިޓީގެ ޗެއާރގެ މަގާމު އަދާކުރެއްވީ ޝިމާޒެވެ. ބިޑުގެ މަރުހަލާ ކުރިއަށް ދިޔައިރު، ވަސާޖިއޯގެ އިސްބޭފުޅަކާ ޝިމާޒް ބައްދަލު ކުރެއްވި ކަމުގެ ތުހުމަތުތައް މިނިސްޓްރީގެ ބައެއް އިސްބޭފުޅުން ކުރިނަމަވެސް އޭނާ އެ ތުހުމަތުތައް އޭރު ވަނީ ދޮގު ކުރައްވާފަ އެވެ.

އެ މައްސަލައާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ޝިމާޒްގެ މައްސަލަތައް ބަލައި ދިނުމަށް އެދި ރައީސް އޮފީހަށް ސިޓީއެއް ފޮނުއްވާފަ އެވެ. އެ މައްސަލާގައި ނަހުލާ ވަނީ ގަވާއިދާ ހިލާފަށް ވެހިކަލް ރަޖިސްޓްރީ ކޮށްދިނުން ފަދަ ކޮރަޕްޝަންގެ ބޮޑެތި ކުށްތަކާއި މިނިސްޓްރީގެ ސިޔާސީ މީހުންގެ އަބުރު ކަތިލުމުގެ ތުހުމަތުތަކެއް ޝިމާޒަށް ކުރައްވާފަ އެވެ.

މޯލްޑިވްސް ރިފޯމް މޫމެންޓް (އެމްއާރްއެމް) ގެ ސްލޮޓެއްގައި ހުންނެވި ޝިމާޒުގެ އެ މައްސަލައާ ގުޅޭގޮތުން އެ ޕާޓީން ވިދާޅުވެފައި ވަނީ ޝިމާޒުގެ މައްޗަށް ތުހުމަތު ކުރައްވާ ކަންތައްތަކަކީ އެޕާޓީން ކަންބޮޑުވާ ބާވަތުގެ ކަންތައްތަކެއް ކަމަށާއި އެ ޕާޓީއަކީ ކޮރަޕްޝަނާއި ދެކޮޅަށް ވަކާލާތުކޮށް، ކޮރަޕްޝަން ހުއްޓުވުމަށް އަބަދު ވެސް މަސައްކަތް ކުރަމުން ގެންދާ ޕާޓީއެއް ކަމަށެވެ.

އެހެންނަމަވެސް، އެފަދަ މައްސަލަތައް ތަހުގީގުކޮށް ބެލުމަށް ހެދިފައިވާ މުއައްސަސާތަކުން ފުރިހަމަ ތަހުޤީޤެއް ހިންގުމަށްފަހު މެނުވީ، މިކަމުގައި ގޮތެއް ނިންމުމަކީ ރަގަޅު ގޮތެއް ނޫން ކަމަށާއި ތުހުމަތު ކުރެވިފައިވާ ފަދަ ބޮޑެތި ކަންތައްތައް މިސަރުކާރުގެ ވުޒާރާއެއްގައި ހިނގަމުންދާކަމަށް ތުހުމަތު ކުރެވުމަކީ އެޕާޓީން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ވެސް އެމްއާރްއެމް އިން ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން އެފަދަ ކަންކަން ކުރަމުންދާ ކަމަށްވާނަމަ، އެކަންކަން ކުރަމުން އައިސްފައިވަނީ ކިހާ ދުވަހަކަށް އަދި ކިހާ ބައެއްގެ ބައިވެރިވުމާ އެކުގައިކަން ވެސް ހާމަވާނީ ކަމާބެހޭ ފަރާތަތްތަކުން ކުރެވޭ ފުރިހަމަ ތަހުގީގަކަށްފަހުކަމަށް އެ ޕާޓީން ގަބޫލުކުރާކަމަށް ވެސް ބުނެފައި ވެއެވެ.