ހދ. ނޮޅިވަރަމްގައި މަރާލާފާއި އޮއްވާ ފެނުނު އެރަށު ނިޝާމާ މުހައްމަދު މަރާލީ ކަރުގައި އެއްޗެއް އަޅާ ނޭވާ ހާސްކޮށްލައިގެންކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
އުމުރުން 28 އަހަރުގެ ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދާފައިވަނީ އިންޑިއާއިން ނެވެ. އަދި ޕޯސްޓްމޯޓަމްއަށް ފަހު، އޭނާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ މިއަދު އެވެ.
ފުލުހުން މިރޭ މީޑިއާތަކަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ޕޯސްޓްމޯޓަމްގެ ވަގުތީ ރިޕޯޓު ލިބިފައިވާކަމަށެވެ.
"އެ ރިޕޯޓްގައިވާ ގޮތުން ނިޝާމާ މަރާލާފައިވަނީ ކަރުގައި އެއްޗެއް އަޅާ ނޭވާ ހާސްކޮށްލައިގެން"
ފުލުހުން ބުނެފައިވެއެވެ.
އެރިޕޯޓުގައިވާ އިތުރު މަޢުލޫމާތެއް ފުލުހުން ހިއްސާއެއް ނުކުރެއެވެ.
ހިތައްފިނިވާގޭ ކޮޓަރީގެ ތެރޭގައި ނިޔާވެފައި އޮއްވާ ފެނިފައި ވަނީ މި ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.
އޭނާގެ މަރުގެ ތުހުމަތުގައި އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލް ވަނީ ކޯޓު އަމުރެއްގެ ދަށުން ހަމަ އެދުވަހު ހައްޔަރުކޮށްފައެވެ. އަދި އޭނާ ހައްޔަރުގައި ހުއްޓާ ވަނީ އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުގެ ތެރޭގައި ލިބުނު އަނިޔާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ޑިސެމްބަރު 19 ވަނަ ދުވަހުގެ 08:28 ހާއިރު ވަނީ ނިޔާވެފައެވެ.
ފައިސަލް ނިޔާވުމުން އޭނާގެ ހަށިގަނޑު މިމަހުގެ 20 ވަނަ ދުވަހު މާލެ ގެނެސް އާއިލާއާއި ހަވާލު ކުރުމުން، އެރޭ އޭނާގެ ޖަނާޒާ ވަނީ ބާއްވާފައެވެ. ފައިސަލްގެ ހަށިގަނޑު ވަޅުލާފައި ވަނީ އާސަހަރާގައެވެ.
ނިޝާމާގެ ޖަނާޒާ ބާއްވާފައިވަނީ މިރޭ މަޣުރިބު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!