ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ މިސްކިތްތަކުގައި ސޯލާ ހަރުކުރުމުގެ މަސައްކަތް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ.

ހޯރަފުށީ ކައުންސިލުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މި ޕްރޮޖެކްޓްގެ ދަށުން އެ ރަށުގެ ތިން މިސްކިތެއް ވަނީ ސޯލާ ކޮށްފައެވެ. އެ ތިން މިސްކިތަކީ މަސްޖިދުލް އައްވާބު، މަސްޖިދުލް އިޚްލާސްގެ އިތުރުން މަސްޖިދުލް ސިއްދީޤެވެ.

Ad
rt

މި ޕްރޮޖެކްޓާއި ގުޅޭގޮތުން "ތިލަދުން" އަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ވިދާޅުވެފައި ވަނީ މި ޕްރޮޖެކްޓް ކައުންސިލުން ކުރިއަށް ގެންގޮސްފައި ވަނީ ފެނަކައާއި ހަވާލުކޮށްގެން ކަމަށާއި، އަމަލީ މަސައްކަތްފެށިތާ ތިން ދުވަސްތެރޭ މަސައްކަތް ނިންމާލާފައިވާ ކަމަށެވެ.

ވަހީދު އިތުރަށް ވިދާޅުވެފައި ވަނީ މި ޕްރޮޖެކްޓްގެ ސަބަބުން އޭސީ ވެސް ކޮށްފައިވާ މި މިސްކިތްތަކުގެ ކަރަންޓަށް ކުރަންޖެހޭ ޚަރަދު އަންނަ ޖަނަވަރީ މަހުން ފެށިގެން ސުމަކަށް އަންނާނެ ކަމަށެވެ. މިހާރު މި ތިން މިސްކިތުގެ ކަރަންޓު ބިލަށް ކައުންސިލުން އަންނަނީ މަހަކު 80000 (އައްޑިހަ ހާސް) ރުފިޔާ ޚަރަދު ކުރަމުންނެވެ.

ވަހީދު އިތުރަށް ވިދާޅުވެފައި ވަނީ ކައުންސިލުގެ ވިސްނުމަކީ ކުރިއަށް އޮތްތަނުގައި ކައުންސިލުން ބަލަހައްޓަމުން އަންނަ މަގުބައްތިތަކާއި، ކައުންސިލުގެ އިމާރާތްތައް ވެސް ސޯލާކޮށް ކަރަންޓަށް ކުރަންޖެހޭ ޚަރަދު ކުޑަކުރުން ކަމަށެވެ.

ވަހީދު ވަނީ މި މަސައްކަތް ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންދިޔުމުގައި ދެއްވި އެހީތެރިކަން ފާހަގަކޮށް ފެނަކައާއި ފެނަކައިގެން އެމްޑީ އަހްމަދު ސައީދު މުހައްމަދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އެ ދާއިރާގެ މެމްބަރު އަހްމަދު ސަލީމަށް ޝުކުރު އަދާކޮށްފައެވެ.