އިސްލާމީ އުންމަތާ މިއަދު ދިމާވެފައިވާ މުސީބާތްތައް ގިރާކޮށްފައި ދެވޭވަރުގެ ގާބިލުކަން، އިސްލާމީއުންމަތުގައި އެބަހުރި ކަމަށް މިއަދުގެ ހުކުރު ހުތުބާ ގައި ވިދާޅުވެއްޖެ އެވެ.
"އިސްލާމީ ވަހްދަތާއި އެއްބައިވަންތަކަމުގެ މުހިންމުކަން" މި މައުޟޫއަށް ކުރިއަށް ގެންދިޔަ ހުތުބާގައި ވިދާޅުވީ ދުނިޔޭގެ ކަންކޮޅުތަކުގައި އިސްލާމީ ނޫރު ފެތުރުނީ އިސްލާމީ ވަހުދަތުގެ ސަބަބުން ކަމަށެވެ. އަދި އިސްލާމީ ފުތޫހާތުތައް ދުނިޔޭގެ އިރުމައްޗަށާއި ހުޅަނގަށް ފެތުރިގެން ދިޔައީ މި އެއްބައިވަންތަކަމުގެ ސަބަބުން ކަމަށެވެ.
އިސްލާމީ ދައުލަތުގެ ސިންގާސަނާ އަށް ދުނިޔޭގެ ގައުމުތައް ބޯލަނބައި، ކިޔަމަންގަތީ ވެސް މި އެއްބައިވަންތަކަމުގެ ސަބަބުންކަން ފާހަގަ ކުރައްވާ ވިދާޅުވީ މުސްލިމުންގެ މެދުގައި މި އެއްބައިވަންތަކަމާއި އުޚުއްވަތްތެރިކަން ނެތިދިއުމުން އިސްލާމީ ދައުލަތުގެ ގޮށްތައް މޮހި، ބާރުތައް ނިކަމެތިވެ، ކަފާސްވިކަމަށެވެ. އަދި އެހިނދު ދުޝްމަނުން އަހަރުމެންގެ މައްޗަށް ތަފާތު ގޮތްގޮތަށް ބާރު ފޯރުވަން ފެށި ކަމަށެވެ.
"ލޮބުވެތި މުސްލިމް އަޚުންނޭވެ! އިސްލާމީ އުންމަތާ މިއަދު ކުރިމަތިވެފައިވާ މުސީބާތްތައް ގިރާކޮށްފައި ދެވޭވަރުގެ ގާބިލުކަން، އިސްލާމީ އުއްމަތުގެ ވަހްދަތުގައްޔާއި އެއްބަނޑުއެއްބަފާކަމުގެ ގެތުންތަކުގައި އެބަހުއްޓެވެ. މިކަމަށްޓަކައި އެންމެފުރަތަމަ ކުރަންޖެހޭ ކަމަކީ އިސްލާމީ ވަހުދަތަށް ބޭނުންވާ ބިންގާ ވަރުގަދަ ކުރުމެވެ. އެކަމަށް ބޭނުންވާ އީމާންކަމުގެ އަސާސްތަކާއި ޝުއޫރުތައް ހަރުދަނާ ކުރުމެވެ." ހުތުބާގައި ވެއެވެ.
މީގެ އިތުރުން މުސްލިމުންގެ އެއްބައިވަންތަކަމާއި އިސްލާމީ އުޚުއްވަތްތެރިކަން ވަރުގަދަކުރުމަށް ކުރަންޖެހޭ ދެވަނަ ކަމަކީ މުސްލިމުންގެ ހިތްތައް އެކަތިގަނޑަކަށް ހެދުމަށް އެމީހުންގެ ހިތްތަކުގައި އޯގާވެރިކަމާއި ކުލުނުވެރިކަމާއި ހިތްހެޔޮކަމުގެ ޝުއޫރު އާލާކުރުން ކަމަށެވެ. އަދި މިކަމާއި އަރާރުންވެދާނެ ކޮންމެ ކަމަކާ ދުރުހެލިވުން ކަމަށެވެ.
ހުތުބާގައި އިތުރަށް ވިދާޅުވީ އިސްލާމް ދީން ގޮވައިލަނީ އެއްބައިވަންތަކަމާއި އެއްގަލަކަށް އެރުމަށް ކަމަށާއި އެކަތިގަނޑަކަށްވުމާއި ބައިބައި ނުވުމަށް ކަމަށެވެ. އަދި އެކަކު އަނެކަކުގެ ދެކެ ރުޅި ނައިސް އެއްބަނޑުއެއްބަފާ ބައެއްގެ ގޮތުގައި އުންމަތް ބިނާކުރުމަށް އަތުގުޅާލުމަށް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!