މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާނުގެ މަރުގެ ރިޕޯޓުގައި ގައުމީ ސަލާމަތާއި ގުޅުންހުރި ގިނަ ކަންތައްތަކެއް ހިމެނޭ ކަމަށާއި އެހެންވެ، އެ ރިޕޯޓުގައި ހިމަނާފައިވާ ރިކޮމެންޑޭޝަންތައް އާންމު ނުކުރެވޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ކޮންމެ ހަފުތާއެއްގައި ބާއްވާ ބައްދަލުކުރެއްވުމުގައި އޭނާ ވިދާޅުވީ އެ މައްސަލައަކީ ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ވަރަށް ގާތުން ބައްލަވާ މައްސަލައެއް ކަމަށާއި އެ ރެކޮމެންޑޭޝަންތަކާ ގުޅިގެން އޭޖީ އޮފީހާއެކު މަޝްވަރާތައް މިހާރުވެސް ފައްޓަވާފައިވާ ކަމަށެވެ.

Ad
rt

މި މައްސަލާގައި މިހާތަނަށް ތިން މީހެއްގެ މައްޗަށް ދައުވާކޮށްފައިވާކަން ފާހަގަކުރައްވާ މިއުވާން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް މި ރިޕޯޓާއި ގުޅިގެން ޕީޖީ އޮފީހަށް ހުށަހަޅަން ޖެހޭ ކަންކަމާއި، އެ ނޫން ވެސް ކަންކަން ވީހާވެސް އަވަހަށް ކުރައްވާނެ ކަމަށެވެ.

ރިޟުވާން އަބްދުﷲ ރަހީނުކޮށް މަރާލި މައްސަލައިގައި ތައްޔާރުކޮށްފައިވާ ރިޕޯޓު، މަރު ކޮމިޝަނުން ރައީސަށް އަރުވާފައިވަނީ މި ޑިސެމްބަރި މަހުގެ 15 ވަނަ ދުވަހު އެވެ.

ރިޟުވާން މަރުގެ ހަގީގަތް ހޯދައި ރައްޔިތުންނަށް ހާމަކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅަކަށްވާއިރު، އެ ވައުދުފުޅު ފުއްދުމުގެ ގޮތުން މަރު ކޮމިޝަން އުފެއްދެވީ 2018 ވަނަ އަހަރު އެވެ.