ކޯޓުގެ އިހްތިސާސުން ބޭރުން ކައިވެންޏެއް ކޮށްދިންކަމުގެ ތުހުމަތުވާ މައްސަލައެއްގައި ލ. ގަމު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަބްދުލްފައްތާޙް ޢަބްދުލްޣަފޫރުގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީ މިއަދު އާންމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ، ލ. ގަމު މެޖިސްޓްރޭޓް ކޯޓުގެ އިޙްތިޞާސުން ބޭރުން ކައިވެންޏެއް ކޮށްދީ، އަދި އެ ކައިވެނި ކުރުމަށް ހުއްދަދީފައިވާކަމަށް ތުހުމަތުވާ މައްސަލައެއް، ލ. ގަމު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަބްދުލްފައްތާޙް ޢަބްދުލްޣަފޫރުގެ ސުލޫކީ މައްސަލައެއް ގޮތުގައި ބެލުމަށް ނިންމާފައިވާ ކަމަށެވެ.

Ad
rt

މި މައްސަލަ ބެލުމަށް ނިންމާފައި ވަނީ، 07 ޑިސެމްބަރު 2022 ގައި ބޭއްވި އެ ކޮމިޝަނުގެ 88 ވަނަ ޖަލްސާގައެވެ.

މީގެ އިތުރުން މި މައްސަލަ ބެލުމަށް ކޮމިޓީއެއް އެކުލަވާލައިފައިވާ ކަމަށް ޖޭއެސްސީން ވަނީ ވިދާޅުވެފައެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަކީ، ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގެ ދަށުން، 04 ސެޕްޓެމްބަރު 2008 ގައި އެކުލަވާލާފައިވާ މިނިވަން މުސްތަޤިއްލު ޝަޚްޞެކެވެ. މި ކޮމިޝަނާއި ޤާނޫނުއަސާސީގެ 159 ވަނަ މާއްދާ އާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން މަތިކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި އުއްތަމަފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުން ޢައްޔަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމާއި، އުއްތަމަފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަނޑިޔާރުން ޢައްޔަންކުރުމާއި އަދި މަޤާމުގެ ކުރިއެރުން ދިނުމާއި، ބަދަލުކުރުމާއި، ފަނޑިޔާރުންނާބެހޭގޮތުން އުފުލާ ޝަކުވާތައް ބަލައި، އެފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައާއި، މަޤާމުން ވަކިކުރާންޖެހޭ މީހުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން ހިމެނެއެވެ.

ޖޭއެސްސީގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައި ގަންނަވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސުޕްރިމްކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން، އުއްތަމަފަނޑިޔާރު ފިޔަވައި އެކޯޓުން އިންތިޚާބުކުރައްވާ ފަނޑިޔާރަކާއި، ހައިކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބުކުރައްވާ ފަނޑިޔާރަކާއި، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުތަކުން އިންތިޚާބު ކުރައްވާ ފަނޑިޔާރަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅުއްވާ މެންބަރަކާއި، އާންމުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާ ބޭފުޅަކާއި، ސިވިލްސަރވިސް ކޮމިޝަނުގެ ރައީސާއި، ރައީސުލްޖުމްހުރިއްޔާ ޢައްޔަން ކުރައްވާ ބޭފުޅަކާއި ދަޢުލަތުގެ ބަންޑާރަނައިބުގެ އިތުރުން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރެއްވުމުގެ ހުއްދަލިބިވަޑައިގެންފައިވާ ވަކީލުންގެ ތެރެއިން، އެބޭފުޅުން އިންތިޚާބުކުރައްވާ ވަކީލެކެވެ.