މި ވެރިކަމުގެ ދައުރު ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، ހަނިމާދޫ އިންޓަރނޭޝަނަލް އެއާރޕޯޓްގެ މަސައްކަތް ފެށުމަކީ ކެމްޕޭނަށް ކަޑަ ޖަހާލުންކަމުގައި ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަދި ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ވިދާޅުވެއްޖެ އެވެ.
އަމީން މިފަދައިން ވިދާޅުވީ، މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ. އެ ޓުވީޓުގައި ވިދާޅުވީ، އުތުރުގެ ތަރައްޤީ އަށް ސަރުކާރުން ވަނީ އިހުމާލުވެފައިކަމަށެވެ.
މީގެ އިތުރުން އަމީން ވިދާޅުވެފައިވަނީ، ސަރަހައްދީ ތަރައްޤީ ހަލުވިވާނީ ހަނިމާދޫ އަށް ބޭރުގެ ފްލައިޓް ޖެއްސުނު ދުވަހަކުންކަމުގަ އެވެ. ތިލަދުންމަތީގެ އިޤްތިސާދު ހިންގާލުމަށް އެންމެ ފަސޭހަ މަގަކީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓް ތަރައްޤީ ކޮށްގެންކަމަށް ވިދާޅުވެ މީގެ ކުރިންވެސް އަމީން ވަނީ އަޑުއުފުލާފަ އެވެ.
“ތިލަދުންމަތީގެ އިޤްތިސާދު ހިންގާލުމަށް ޓަކައި ސަރުކާރުން މިހާރު އެންމެ ފަސޭހައިން ކޮށްދެވޭނެ ކަމަކީ މިހާރުގެ ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓުގެ ޓާމިނަލް 500 ވަރަކަށް ޕަސެންޖަރުން އައިސް ގޮސްވެ އުޅެލެވޭ ވަރަށް ބޮޑުކޮށްދީ އެއާރޕޯޓަށް ބޭނުންވާ ފެސިލިޓީތައް ބަހައްޓާދެއްވުމެވެ. އަދި މަތިންދާ ބޯއްޓުގެ ފިއުލް ލިބެން ހުންނާނެ ގޮތްވެސް މިކަމާއި އެކުގައި ހަމަޖައްސަވައި ދެއްވުމެވެ. އިންޑިޔާގެ ސްޕައިސްޖެޓްގެ 72 ޕަސެންޖަރުންގެ ފްލައިޓްތަކާއި ރާއްޖޭގެ އެވަރުގެ ފްލައިޓްތައް އިންޑިޔާ ސްރީލަންކާ އަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓުން ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމެވެ.”
"އުތުރުގެ ތަރައްޤީއާ ގުޅިފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓް" މިސުރުހީގެ ދަށުން މީސްމީޑިޔާގައި މީގެ ކުރިން ހިއްސާ ކުރެއްވި ލިއުމެއްގައި ވިދާޅުވެފައިވެއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ބީލަން ކާމިޔާބުކުރި އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއަށް މަޝްރޫއު އެވޯޑުކޮށް އެ މަޝްރޫގެ 2 ބިލިއަން ރުފިޔާ ކުންފުންޏާ ހަވާލުކޮށްފައިވަނީ އޯގަސްޓް 10 ވަނަ ދުވަހު އެވެ.
މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މި މަޝްރޫއު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ޚިދުމަތް ދެވޭނެ ކަމަށާއި މެދުއިރުމައްޗާއި ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ އާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ވެސް ލިބޭނެ ކަމަށެވެ.
ތިލަދުންމަތީގެ އިޤްތިސާދު ހިންގާލެވޭނީ، ހަނިމާދޫ އެއާރޕޯޓް ތަރައްޤީ ކޮށްގެން: އަމީން
2024 ވަނަ އަހަރު ނިމެންވާއިރަށް، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަސައްކަތް ނިންމާލެވޭކަމަށް ސަރުކާރުން އުންމީދު ކުރާކަމަށް މީގެކުރިން ރައީސް އޮފީހުން ވިދާވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!