ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި "އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022" ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކުލަބް ކޮރަލްސް އިން ހޯދައިފިއެވެ.

މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗު ކުލަބް ކޮރަލްސް ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިން ސޮސައިޓީ ފޯ ކުޅުޅުދުއްފުށީ ޔޫތު (ސްކައި) ގެ މައްޗަށް ކުރި ހޯދައިގެންނެވެ.

Ad
rt

މި މުބާރާތުގެ ތަށި ކޮރަލް ހޯދާފައި މި ވަނީ އެއްވެސް މެޗަކުން ބަލިނުވެއެވެ. އެ ޓީމު ފައިނަލަށް އައިސްފައި ވަނީ ގްރޫޕް ބުރުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެގެންނެވެ.

ފައިނަލް މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފެނިފައި ވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ހާފުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ކޮރަލްސްއަށް މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމް ފޯވާޑް މުޙައްމަދު ނަޝީދުއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ކޮރަލްސްގެ ޖޯޒީ ނަމްބަރު 37، މުޙައްމަދު ރަޝީދު (ހޮކޭ) އެވެ.

ފައިނަލް މެޗު ނިމުމުން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައި، ވަނަވަނަ އަށް ހޮވުނު ފަރާތްތަކަށް ވަނީ ޓްރޮފީއާއި މެޑަލް ހަވާލު ކޮށްފައެވެ.

މުބާރާތުގައި 21 ލަނޑު ޖަހައިގެން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ސްކައީގެ ޖޯޒީ ނަމްބަރު 21، އިބްރާހީމް ވަހީދެއެވެ. މުބާރާތުގެ އެންމެ މޮޅު ޑިފެންޑަރަކަށް ހޮވިފައި ވަނީ ސްކައީގެ ޖޯޒީ ނަމްބަރު 6، މުޙައްމަދު އާލިމްއެވެ. މުބާރާތުގެ އެންމެ މޮޅު ޔަންގް ޕްލޭޔާއަށް ހޮވިފައި ވަނީ މާއްޓޭ ސްޕޯޓްސްގެ ޖޯޒީ ނަމްބަރު 21، ސާލިމް މުޙައްމަދު (ލިމޭ) އެވެ.

އެންމެ މޮޅު ކޯޗަކަށް ކޮރަލްސްގެ މުޙައްމަދު ދާއޫދު ހޮވިފައިވާއިރު، އެންމެ މޮޅު ފޯވާޑަކަށް ހޮވިފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 10، އިސްމާއިލް އީސާ (މެސީ) އެވެ. އެންމެ މޮޅު ކީޕަރަކަށް ހޮވިފައި ވަނީ ކޮރަލްސްގެ ކީޕަރު ކައުބް ޝަރީފެވެ. މުބާރާތުގެ އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވިފައި ވަނީ ކޮރަލްސްގެ ޖޯޒީ ނަމްބަރު 37، މުޙައްމަދު ރަޝީދު (ހޮކޭ) އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ވެސް އޭނާއެވެ.

މުބާރާތުގެ ރަނަރަޕް ޓީމަކީ ސްކައި އެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވިފައި ވަނީ މާއްޓޭ ސްޕޯޓްސްއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 50000 (ފަންސާސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. އަދި ރަނަރަޕް ޓީމަށް ވަނީ 10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށީގެ ޒުވާނުންގެ އިތުރުން ފުޓްބޯޅަ ކުޅުމަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް މުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު ހޯދައިދިނުމާއި، ޒުވާނުންގެ ފުޓްބޯޅަ ހުނަރު އިތުރު ކުރުމާއި، ޤައުމީ ފެންވަރުގައި ފުޓްބޯޅަ ކުޅޭ ޒުވާނުން އެ ސިޓީގައި އުފެއްދުމުގެ އިތުރުން އެ ސިޓީއަކީ ޤައުމީ ކުޅިވަރު ކަމުގައިވާ ފުޓްބޯޅަ ކުރިއެރުވުމަށް އެހީތެރިވާ ރަށަކަށް ހެދުން ހިމެނެއެވެ. މީގެއިތުރުން އެ ސިޓީގައި ފުޓްބޯޅަ އައު ހަރުފަތަކަށް ގެންދިޔުމާއި، ޒުވާނުން ކުށުގެ ވެށިން ދުރުކުރުމަކީ ވެސް މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ އެމްޓީސީސީއެވެ. ކޯސްޕޮންސަރއަކީ ފެނަކައެވެ. އަދި ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތިލަދުންއެވެ.