ސިއްހީ ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުން ތަމްރީނުކުރުމުގައި އިތުރު ތަޖުރިބާކާރުންގެ އެހީތެރިކަން ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދެކުނުއިރުމަތީ އޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރ ޑރ ޕޫނަމް ކެތްރަޕާލް ސިންގް، ރައީސް އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

Ad
rt

ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ދެމުން ގެންދާ އެއްބާރުލުމާއި އިރުޝާދަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ޑަބްލިއު.އެޗް.އޯގެ ރީޖަނަލް ޑިރެކްޓަރ ދެއްކެވި ވާހަކައިގާ ރާއްޖެއާއި ޑަބްލިއު.އެޗް.އޯއާ ދެމެދު އޮތް ޒަމާންވީ ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވަނީ ސިއްހީ ދާއިރާ ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފްކުރައްވާފަ އެވެ. އަދި ކޯވިޑް-19ގެ ބަލިމަޑުކަން ވަރަށް ރަނގަޅަށް މެނޭޖްކުރެވިފައިވާކަން ވެސް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ރާއްޖެއިން، ކޯވިޑް-19 އަށް ފަހު ސިއްހީ ކަންކަމަށް ދޭ ސަމާލުކަން ބެލެންސްކޮށް އިގްތިސާދީގޮތުން ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ރާއްޖެއަށް ލިބިފައިވާކަން ވެސް ފާހަގަކުރެއްވި އެވެ.

ހަމަ އެއާއެކު އެކަމަނާ ވަނީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ގިނަ އަދަދެއްގެ އިންވެސްޓްކުރި މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށާއި، ރާއްޖޭގެ ޖީޑީޕީގެ ގާތްގަނޑަކަށް 12 އިންސައްތަ ހަރަދުކުރަނީ މި ދާއިރާ ކުރިއެރުވުމަށް ކަމަށް ވެސް ފާހަގަ ކުރައްވާފަ އެވެ. އަދި އެކަމަނާއަކީ ތަފާތު ބަލިތައް ނައްތާލުމަށް މަސައްކަތްކުރައްވާ ފަރާތެއް ކަމުގައި ވިދާޅުވެ، މެލޭރިއާ އާއި ޕޯލިއޯ ފަދަ ގިނަ ބަލިތައް ރާއްޖެއިން ނައްތާލުމަށް ކުރާ މަސައްކަތްތަކަށް ވެސް ތައުރީފު ކުރައްވާފައި ވެއެވެ.

ސިއްހީ ދާއިރާ ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް ވެސް ދެ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.