ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެކަން އިއުލާން ކުރައްވައި، ނަޝީދު ވަނީ އެ ޕާޓީގެ ހުރިހާ މެންބަރުންގެ ވޯޓު އެމަނިކުފާނަށް ދެއްވުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.

Ad
rt

2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ މޯލްޑިވިއަން ޑޮމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަތީ އަންނައަހަރު ޖެނުއަރީ މަހު ބޭއްވުމަށް ނިންމާފައިވަނީ ޖެނުއަރީ 28 ވާ ހޮނިހިރު ދުވަހު އެވެ.

ޕްރައިމަރީގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކުން އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4 ގެ ކުރިން ޕްރައިމަރީ އަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަކުރުމަށް ފަހު ހުށަހަޅަން ޖެހޭއިރު، ކޮންމެ ކެންޑިޑޭޓަކު ވެސް ފޯމް ހުށަހަޅަން ޖެހެނީ އެމްޑީޕީގެ 500 މެންބަރުންގެ ތާއީދާ އެކުގަ އެވެ.

އެ ޕާޓީގެ އިއުލާންގައި ވާ ގޮތުން 26 ޑިސެމްބަރު ގައި ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު، ނަންބަރާ އެކު އިއުލާނުކުރުމަށް ނިންމާފައިވާއިރު، ޑިސެމްބަރ 28 އިން 31 އަށް ވޯޓުލާ މީހުންގެ ލިސްޓު އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް ހުޅުވާލާނެ އެވެ. އަދި ވޯޓުލާ މީހުންގެ ފައިނަލް ލިސްޓް ޖެނުއަރީ 3 ވަނަ ދުވަހު އާންމުކުރާނެ ކަމަށް ވެސް އިއުލާނުގައި ވެއެވެ.

މީގެ އިތުރުން ކެންޑިޑޭޓުންގެ މަންދޫބުންނަށް ފުރުސަތު ހުޅުވާލާނީ ޖެނުއަރީ 10 އިން 15 އަށް ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.

އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވަނީ އިއުލާން ކުރައްވާފަ އެވެ.

އެމްޑީޕީއިން ޕްރައިމަރީއަށް ތައްޔާރުވަމުން އަންނައިރު އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން އަންނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ކަމަށް، އެ ކޯލިޝަނުން ވަނީ ރަސްމީކޮށް އިއުލާންކޮށްފައެވެ. ޔާމީނަށް ޓިކެޓް ދީފައި ވަނީ އިދިކޮޅުގެ ސެނެޓުގެ އިއްތިފާގުންނެވެ.

ޔާމީންގެ އިތުރުން، އެމްއެންޕީގެ ޓިކެޓުގައި އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވާދަކުރައްވާނެ ކަން ކަށަވަރުވެފައިވާއިރު، އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު ވެސް އިންތިހާބުގައި ކުރިމަތިލައްވާނެ ކަމަށް ވަނީ އިއުލާނުކުރައްވައިފައެވެ.