ހދ. ނެއްލައިދޫ ފަޓޯ ސްޕޯޓްސް އެކަޑަމީގެ ހަރަކާތްތައް ފަށައިފި އެވެ.

އެ އެކަޑަމީގެ ރައީސް ފާރޫގް އާދަމް "ތިލަދުން" އަށް ވިދާޅުވީ 2018 ވަނަ އަހަރު އުފެދުނު މި އެކަޑަމީގެ ހަރަކާތްތައް ވަރަށް ބާރަށް ކުރިއަށް ގެންދަނިކޮށް މުޅި ދުނިޔެއަށް ވެސް ކުރިމަތިވި ކޮވިޑުގެ ސަބަބުން ހަރަކާތްތަކަށް މަޑުޖެހުން އައި ކަމަށެވެ. ނަމަވެސް އެ ހާލަތު ބަދަލުވެ، މިހާރުވަނީ އަލުން ކުރިއެކޭ ވެސް އެއްގޮތަށް ހަރަކާތްތައް ފަށާފައި ކަމަށެވެ.

Ad
rt

އެގޮތުން މި ޑިސެމްބަރު މަހު އެރަށުގައި ފުޓްސަލް ފިއެސްޓާއެއް ބާއްވާފައިވާ ކަމަށާއި އޭގެ ތެރެއިން ޓްރެއިނިންގ ޕްރޮގްރާމްތަކެއް ހިންގުނު ކަމަށެވެ.

އޭނާ ވިދާޅުވީ މިދިޔަ ހުކުރު އަދި ހޮނިހިރު ދުވަހު، ދެ އުމުރުފުރާއަކަށް ފުޓްސަލް މުބާރާތެއް ބާއްވާފައިވާ ކަމަށެވެ. އެގޮތުން 108 ކުދިންނާއެކު ބޭއްވި މި މުބާރާތުގައި ހުނަރުވެރި، ޒުވާން އެތައް ކުޅުންތެރިންނެއް ފެނިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެކަޑަމީ އުފައްދައިގެން ވަރަށް ކަންކަން ކުރަމުން އައީ. އެކަމަކު އެނގިވަޑައިގަންނަވާނެ ކޮވިޑުގެ ހާލަތުގެ ސަބަބުން ހުރިހާ ކަމެއް މަޑުޖެހިގެން ދިޔައީ. ދެން އޭގެ ފަހުން ރަށު ދަނޑުގައި ޓާފު އަޅާތީ ކުޅިވަރުތައް ހުއްޓުނީ. އެކަމަކު އެ މަސައްކަތް ނިމި، ދަނޑު މިހާރުވަނީ ކައުންސިލާ ހަވާލުކޮށްފަ. އެހެންވެ ކައުންސިލުގަ މިހާރުވާނީ އެދިފަ އެ ހަރަކާތްތައް ދިގު މުއްދަތަކަށް ކުރިއަށް ގެންދަން ބޭނުންވާ ކަމަށް."

ފާރޫގު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ރަސްމީކޮށް ދަނޑު ލިބުމުން މިހާރަަށް ވުރެ އިތުރު ކުޅިވަރުތައް ހިންގުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހޭންޑްބޯލް ފަދަ ކުޅިވަރުތައް ވެސް ހިމެނޭ ކަމަށެވެ.

ފަޓޯ ސްޕޯޓްސް އެކަޑަމީ އަކީ ނެއްލައިދޫގައި ހުނަރުވެރި ކުޅުންތެރިން އުފެއްދުމުގެ މަގުސަދުގައި ހިންގާ އެކަޑަމީ އެކެވެ.