އިތުރު ގަޑި ނުދީ މަސައްކަތް ކުރުވާ ރިސޯޓްތަކުގެ ނަންތައް ލިސްޓް ކުރަން ރިސޯޓް ވޯކާސް މޯލްޑިވްސް ފޭސްބުކް ޕޭޖުން ހުޅުވާލައިފިއެވެ.

ރިސޯޓް ވޯކާސް މޯލްޑިވްސް ފޭސްބުކް ޕޭޖަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތް ކުރާ ޕޭޖެކެވެ.

Ad
rt

މި ޕޭޖު މެދުވެރިކޮށް ރިސޯޓު މަސައްކަތްތެރިންގެ ކަންބޮޑުވުންތައް އާންމުކޮށް، ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތް ކުރެއެވެ. 51 ހާސް މީހުން ފްލޯކޮށްފައިވާ މި ޕޭޖުގައި ރިސޯޓުތަކުގައި ހިންގާ ތަފާތު ކުރުމުގެ ޢަމަލުތަކުން ފެށިގެން ޤާނޫނީ ގޮތުން ގެއްލުވާލާ ޙައްޤުތަކުގެ ވާހަކަ އާންމުކޮށް، ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތް ކުރެެއެވެ.

ގިނަ ޢަދަދެއްގެ ރިސޯޓް މަސައްކަތްތެރިން ފޮލޯކޮށްފައި މި ޕޭޖުގައި މިރޭ ކުރި ޕޯސްޓެއްގައި ބުނީ އިތުރު ގަޑި ނުދީ މަސައްކަތް ކުރުވާ ރިސޯޓުތަކުގެ ނަންތައް ލިސްޓް ކުރަން ހުޅުވާލާ ކަމަށެވެ.

’’އެންމެ ގިނަ ފަހަރު ނަން ޖަހާ ރިސޯޓްތަކުގެ މައްސަލަ ޓީމް މެދުވެރިކޮށް ކޯޓަށް ހުށަހަޅާނަން’’ އެ ޕޯސްޓްގައި ބުނެފަވެއެވެ.

މީގެ އިތުރުން އެ ޕޭޖުން ވަނީ އެކަމުގައި، ފަތުވެރިންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތް ކުރާ، އެ ސިނާއަތުގެ މަސައްކަތްތެރިންގެ ޖަމިއްޔާ، ޓޫރިޒަމް އެމްޕްލޯއިމަންޓް އެސޯސިއޭޝަން (ޓީމް)ގެ އެހީތެރިކަމަށް އެދިފައެވެ.

އިތުރު ގަޑި ނުދީ މަސައްކަތް ކުރުވާ ރިސޯޓްތަކުގެ ނަންތައް ލިސްޓް ކުރަން ރިސޯޓް ވޯކާސް މޯލްޑިވްސް ފޭސްބުކް ޕޭޖުން ހުޅުވާލިއިރު ރާއްޖޭގެ ވަޒީފާއާއިބެހޭ ޤާނޫނުގެ 32 ވަނަ މާއްދާގައި ހަފުތާއެއްގެ ތެރޭގައި އާންމުކޮށް އެންމެ ގިނަވެގެން މަސައްކަތްކުރެވޭ ގަޑިތަކާއިގުޅޭ ގޮތުން ބަޔާންކޮށްފައި ވަނީ، އެ ގާނޫނުގެ 34 ވަނަ މާއްދާގެ ދަށުން އިސްތިސްނާވާ މުވައްޒަފުން ފިޔަވައި، އިތުރުގަޑި ނުހިމެނޭގޮތުން، ހަފުތާއެއްގެ ތެރޭގައި އެންމެގިނަވެގެން 48 ގަޑިއިރަށްވުރެ އިތުރަށް އެއްވެސް މުވައްޒަފަކުލައްވާ މަސައްކަތްކުރުވައިގެން ނުވާނެ ކަމަށެވެ. އަދި މުވައްޒަފަކު އަރާމުކުރުމަށް އާދައިގެމަތިން ހަމަޖެހިފައިވާ ދުވަހެއްގައި ނުވަތަ ދެފަރާތުން އެއްބަސްވެފައިވާ ދުވަހެއްގައި، އަރާމުކުރުމަށް ވިދިވިދިގެން 24 ގަޑިއިރުގެ މުއްދަތެއްނުދީ، އެއްވެސް މުވައްޒަފަކުލައްވާ ވިދިވިދިގެން 6 ދުވަހަށްވުރެ ދިގުމުއްދަތަކަށް މަސައްކަތް ކުރުވައިގެން ނުވާނެ ކަމަށެވެ.