ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022" ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުގައި ޒިގްޒެގް ފޯ ޔޫތު ލިންކޭޖް ބަލިކޮށް، މުބާރާތުގެ ފައިނަލުން ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު (ސްކައި) ޖާގަ ހޯދައިފިއެވެ.

މިއަދު ހަވީރު ކުޅުނު ސެމީފައިނަލް މެޗު ސްކައި އިން ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ.

Ad
rt

މިއަދުގެ މެޗު ފެށިތާ ދެ މިނެޓް ތެރޭ ސްކައި އިން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 7، އިބްރާހީމް ސިރާޖްއެވެ. ނަމަވެސް ޒިގެޒެގްގެ ޖޯޒީ ނަމްބަރު 13، މުޙައްމަދު ޖަމްޝާދް ވަނީ މެޗުގެ 11 ވަނަ މިނެޓުގައި ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މެޗުގެ ފުރަތަމަ ފާހު ނިމުގެ ކުރިން ސްކައި އިން ވަނީ ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މި ލަނޑު 27 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 30، މާއްދު އަދުނާންއެވެ.

މެޗުގެ ދެވަނަ ހާފުގައި ސްކައި އިން އިތުރު ދެ ލަނޑު ކާމިޔާބު ކޮށްފައިވާއިރު، އެ ޓީމްގެ ތިންވަނަ ލަނޑު 63 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 21، އިބްރާހީމް ވަހީދުއެވެ. މެޗުގައި ސްކައި އިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބު ކޮށްދީފައި ވަނީ ވެސް އިބްރާހީމް ވަހީދުއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ވެސް ހޮވިފައި ވަނީ އޭނާއެވެ.

މިއަދުގެ މެޗު ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ފެނަކަ ޕަވަރ ހައުސް ޕްރޮޖެކްޓްގެ މެނޭޖަރ އަހްމަދު އިފްރާން ވަހީދުއެވެ.

ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު (ސްކައި) އާއި ކުލަބް ކޮރަލްސް ބައްދަލުކުރާ، މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޯމަ ދުވަހުގެ ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް ފުޓްބޯޅަ ދަނޑުގައެވެ. މެޗު ފެށުމަށް ހަމަޖެހިފައި ވަނީ 15:40 ގައެވެ.

މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށީގެ ޒުވާނުންގެ އިތުރުން ފުޓްބޯޅަ ކުޅުމަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް މުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު ހޯދައިދިނުމާއި، ޒުވާނުންގެ ފުޓްބޯޅަ ހުނަރު އިތުރު ކުރުމާއި، ޤައުމީ ފެންވަރުގައި ފުޓްބޯޅަ ކުޅޭ ޒުވާނުން އެ ސިޓީގައި އުފެއްދުމުގެ އިތުރުން އެ ސިޓީއަކީ ޤައުމީ ކުޅިވަރު ކަމުގައިވާ ފުޓްބޯޅަ ކުރިއެރުވުމަށް އެހީތެރިވާ ރަށަކަށް ހެދުން ހިމެނެއެވެ. މީގެއިތުރުން އެ ސިޓީގައި ފުޓްބޯޅަ އައު ހަރުފަތަކަށް ގެންދިޔުމާއި، ޒުވާނުން ކުށުގެ ވެށިން ދުރުކުރުމަކީ ވެސް މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މުބާރާތުގައި ގިނަ ވަނަތަކެއް ހޮވައި ފައިސާގެ އިނާމާއި ޓްރޮފީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ޗެމްޕިއަން ޓީމަށް 50000 (ފަންސާސްހާސް) ރުފިޔާ ދިނުމަށް ނިންމާފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ 10000 (ދިހަހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ އެމްޓީސީސީއެވެ. ކޯސްޕޮންސަރއަކީ ފެނަކައެވެ. އަދި ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތިލަދުންއެވެ.