ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022" ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗުގައި މިއަދު ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު (ސްކައި) އާއި ޒިގެޒެގް ފޯ ޔޫތު ލިންކޭޖް ބައްދަލުކުރާއިރު ވަކި ކުޅުންތެރިއަކަށް ފޯކަސްކޮށްގެން ނުކުޅޭނެ ކަމަށާއި، މެޗަށް ނުކުންނަނީ ޓީމެއް ގޮތުގައި ކުޅެ މޮޅުވާން ކަމަށް ސްކައި ގެ ކޯޗް އާދަމް އިލްހާމް އިސްމާއީލް ބުނެފިއެވެ.

މެޗުގެ ކުރިން ސްކައިގެ ކޯޗް އިލްހާމް ދިން ޕްރީމެޗް އިންޓަރވިއުގައި ބުނީ، މުބާރާތުގެ ސެމީ ފައިނަލަށް ދެވުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ކުރިން ދެ މެޗަކުން ބަލިވެފައިވާތީ ރަނގަޅު ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށާއި، މިއަދުގެ މެޗަށް ނުކުންނާނީ އެކަންކަން ރަނގަޅުކޮށްގެން ކަމަށް ބުންޏެވެ.

Ad
rt

އިލްހާމް ފާހަގަކުރިގޮތުގައި މުބާރާތް ފެށުނީއްސު ސްކައިއަށް ވަނީ އެންޖެރީގެ މައްސަލަ ކުރިމަތިވެފައެވެ. މިއަދުގެ މެޗު ކުޅޭނީ އެންޖަރީ ކުޅުންތެރިން ނުލާކަމަށް އޭނާ ބުނެފަވެއެވެ.

އިލްހާމް ބުނީ ޒިގްޒެގަކީ މި މުބާރާތުގައިކުޅޭ ވަރުގަދަ އެއް ޓީމު ކަމަށެވެ. އަދި އެޓީމު މިހިސާބަށް އައިސްފައި ވަނީ ކުރިން ރަނގަޅު ރަނގަޅު ނަތީޖާތަކެއް ނެރުމަށްފަހުގައިކަމަށް ބުންޏެވެ.

''އެހެންވީމަ އަޅުގަނޑު ޤަބޫލު ކުރަނީ މިއަދުގެ މެޗަކީ ވާދަވެރި ވަރުގަދަ މެޗަކަށް ވެގެން ދާނެކަމަށް، އަޅުގަނޑުމެން ބެލި މެޗްތަކުގައި އަނެއްހެން އެގޮތައް ފާހަގަ ކުރަންޖެހޭ ނޫނިއްޔާ ވަކި ވަކި ކުޅުންތެރިއަކަށް ފޯކަސްކޮށްގެން ކުޅޭކަށް ނޫން އަޅުގަނޑުމެން ޓީމު ނުކުންނާނީ، ޓީމެއް ގޮތުގައި ރަނގަޅު ގޭމެއްކުޅެ މޮޅުވާން އިރާދަކުރެއްވިއްޔާ ނުކުންނާނީ'' އިލްހާމް ބުނެފަވެއެވެ.

ސްކައިގެ ކޯޗް އިލްހާމް ބުނި ގޮތުގައި ސްކައިން ވަނީ ވަރަށް ގިނަ ކުޅުންތެރިން ޓެސްޓްކޮށްފައެވެ. އެންމެ އެދެވޭ ގޮތައް ބައެއް ކުޅުންތެރިންނަށް ޕާފޯމް ނުކުރެވުނަސް މިއަދުގެ މެޗްގައި އެ ކުޅުންތެރިންގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭނެ ކަމަށް އުންމީދު ކުރާކަމަށް އޭނާ ބުނެފަވެއެވެ.

އިލްހާމް ހުރީ މުބާރާތާމެދު ވަރަށް ހިތްހަމަ ޖެހިގެންނެވެ. މުބާރާތުގެ އިންތިޒާމްތައް ވެސް އޭނާ އަށް ރަނގަޅެވެ. އޭނާ ވަނީ ކައުންސިލުން އިސްނަގައިން މިފަދަ މުބާރާތްތައް ބާއްވާތީ ވަރަށް އުފާކުރާކަމަށް ކުރިން ވެސް ބުނަމުން އަންނަ ބުނުން މިއަދު ވެސް ތަކުރާރުކޮށްފައެވެ. އިލްހާމް ބުނިގޮތުގައި އޭނާ ހުރީ ކުރިއަށް އޮތްތާނގައި ވެސް މިފަދަ މުބާރާތްތައް ފެންނާނެ ކަމަށް އުންމީދުގައެވެ.

"އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022" ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗުގައި ސްކައި އާއި ޒިގެޒެގް ބައްދަލުކުރާ މެޗު ފަށާނީ މިއަދު 15:40 ގައެވެ.