ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ނިމިގެން ދާއިރު ފައިސާގެ އިނާމު ލިބިގެން ދާނީ ޗެމްޕިއަންކަން ހޯދައި ޓީމަށް އެކަނި ކަމަށް ބައެއް ފަރާތްތަކަށް ހީވެދާނެއެވެ.
ފައިނަލުގައި ވާދަކުރާނެ ދެޓީމު މިހާރު ކަށަވަރުވެފައިވާއިރު މުޅިދުނިޔެވެސް މިހާރު އިންތިޒާރުކުރަމުން ދަނީ ތަށި އުފުލާލާ މިފަހަރުގެ ޗެންޕިއަނުންގެ ލަގަބު ހޯދާނެ ގައުމަކާއި މެދުއެވެ. އެއްކޮޅުން ވާދަކުރަނީ މިދިޔަ ފަހަރުގެ ޗެމްޕިއަނުން ފުރާންސް އާއި ފުޓްބޯޅައިގެ ގަދަ ބާރެއް ކަމުގައިވާ އާޖެންޓީނާ އެވެ.
ފައިނަލާއި ތިން ވަނަ ހޮވާ މެޗަށް ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނައިރު ފައިސާގެ އިނާމު ލިބޭނީ ހަމަ އެކަނި މިތިން ގައުމަށް އެކަންޏެއް ނޫނެވެ. ވޯލްޑް ކަޕް އަށް ކޮލިފައިވާ ކޮންމެ ޓީމަކަށްވެސް ފައިސާގެ އިނާމު ލިބޭގޮތަށް ފީފާއިން ހަމަޖައްސާފައި ވެއެވެ.
އެގޮތުން މުބާރާތުގައި އެޓީމަކަށް ދަތުރުކުރެވިފައިވާ ހިސާބަށް ބަލައި ޖުމްލަ 440 މިލިއަން ޑޮލަރު (ހަ ބިލިއަން ހަތްސަތޭކަ ހަތްދިހަ ހަ މިލިއަން ރުފިޔާ) ފައިސާގެ އިނާމުގެ ގޮތުގައި މިއަހަރު ދިނުމަށް ވަނީ ނިންމާފަ އެވެ. ވޯލްޑް ކަޕަށް ކޮލިފައިވާ ކޮންމެ ޓީމަކަށްވެސް 1.5 މިލިއަން ޑޮލަރ ލިބޭނެއެވެ. ވުމާއެކު ޓީމު ކަޓައިގެން ހިތްދަތި ކަމާއެކު ޤައުމަށް ދާއިރު އަތްއުރާލައިގެން ހުސްއަތާ ދާކަށް ނުޖެހޭނެއެވެ.
2018 ވަނަ އަހަރު 32 ޓީމަކަށް ދީފައިވަނީ ޖުމްލަ 400 މިލިއަން ޑޮލަރު ފައިސާގެ އިނާމެކެވެ. އެއީ 2014 ވަނަ އަހަރު ދިން ފައިސާއާއި އަޅާބަލާއިރު 42 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ. 2018 ވަނަ އަހަރު ޗެމްޕިއަން ޓީމް ކަމަށްވާ ފްރާންސަށް 38 މިލިއަން ޑޮލަރު ދީފައިވާއިރު، މިފަހަރުގެ ޗެމްޕިއަން ޓީމަށް 42 މިލިއަން ޑޮލަރު ލިބޭނެވެ.
ރައުންޑް އޮފް 16 އަށް ދަތުރުކުރާ ޓީމްތަކަށް ކޮންމެ ޓީމަކަށް 13 މިލިއަން ޑޮލަރު ލިބޭނެއެވެ. މި ޓީމުތަކުގެ ތެރޭގައި ޔޫ.އެސް.އޭ، ސެނެގާލް، އޮސްޓްރޭލިއާ، ޕޮލެންޑް، ސްޕެއިން، ޖަޕާން، ސުވިޒަރލެންޑް އަދި ސައުތު ކޮރެއާ ހިމެނެއެވެ.
ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައިވާ ބްރެޒިލް، ނެދަރލެންޑް ޕޯޗުގަލް އަދި އިންގްލެންޑް، ކޮންމެ ޓީމަކަށް 17 މިލިއަށް ޑޮލަރު ލިބިފައިވެއެވެ. ހަތަރު ވަނައަށް ދާ ޓީމަށް 25 މިލިއަށް ޑޮލަރު ލިބޭނެއެވެ. ތިން ވަނައަށް ދާ ޓީމަށް 27 މިލިއަށް ޑޮލަރު ލިބޭނެއެވެ. ތިންވަނަ ހޮވާ މެޗުގައި ބައްދަލުކުރާނީ ކްރޮއޭޝިއާ އާއި މޮރޮކޯ އެވެ.
ރަނަރ-ރަޕް ޓީމަށް 30 މިލިއަން ޑޮލަރު ލިބޭއިރު، ޗެމްޕިއަން ޓީމަށް 42 މިލިއަން ޑޮލަރު ލިބޭނެއެވެ. ފައިނަލް މެޗުން ބައްދަލު ކުރާނީ ފުރާންސް އާއި އާޖެންޓީ އެވެ. މިމެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 20:00 ގައެވެ.
ފީފާއިން މިހާ ބޮޑު އަދަދުތަކެއް ފައިސާ އިނާމަށް ހަރަދު ކުރާއިރު، ފައިސާގެ އިނާމުގެ ގޮތުގައި ދޫކުރާ ފައިސާ ކަނޑައަޅަނީ މުބަރާތް ބާއްވާއިގެން ލިބޭ އާމްދަނީއަށް ބަލައިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!