ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ބާއްވާ ފަހަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ފަހާ ކޯހަކީ ބާރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އައިސާޓް ގުޅިގެން ބާރަށުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކޯހެކެވެ. މި ކޯސް ފެށުމަށް ތާވަލު ކޮށްފައި ވަނީ އަންނަ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުއެވެ. ކޯހުގެ މުއްދަތަކީ އެއް މަސްދުވަހެވެ.
ފެހުމުގެ ތިން ލެވެލް އެއްގެ ކޯސް ހިންގުމަށް އިޢުލާން ކޮށްފައިވާއިރު، ހިންގުމަށް ހަމަޖެހިފައި ވަނީ އެތަނުން އެންމެ ގިނަ ފަރާތްތަކުން އެދިލައްވާ ކޯހެވެ.
ފަހާފިއްޓާއި ކަތުރު ފިޔަވައި ދެން ކޯހަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ކޯސް ހިންގާ ފަރާތުން ފޯރުކޮށްދޭނެއެވެ. މި ކޯހުގައި 16 އަހަރުން މަތީގެ ކޮންމެ ކަނބަލަކަށް ވެސް ބައިވެރިވެވޭނެއެވެ.
ކޯހުގެ ބައިވެރިން އަތުން 2000 (ދެހާސް) ރުފިޔާގެ ފީއެއް ނަގަން ހަމަޖެހިފައިވީ ނަމަވެސް، ބައިވެރިންނަށް ލުއި ދިނުމުގެ ގޮތުން، ކޮންމެ ބައިވެރިއެއްގެ އަތުން ނެގުމަށް ހަމަޖެހިފައި ވަނީ 1000 (އެއްހާސް) ރުފިޔާއެވެ.
ބާރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓިން ހާމަކޮށްފައުވާ ގޮތުގައި މި ކޯސް ހިންގޭނީ މަދުވެގެން 25 ބައިވެރިން، ބައިވެރިވެއްޖެ ނަމައެވެ.
މި ކޯހާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން ބާރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ އާބިދާ ޢަބްދުއްރަޙްމާން (ފޯން: 7836117) އާއި ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުމަށް އެ ކޮމެޓީން އެދިލައްވައެވެ.
މީގެ އިތުރުން ރައީސާ އާބިދާ އަބްދުއްރަހްމާންއަށް ގުޅުއްވައި "ފަހާ ކޯހުގައި ބައިވެރިވާ ފޯމް" ނަންގަވައި މި މަހުގެ 22 ވަނަ ދުވަހުގެ 13:00 ގެ ކުރިން ބާރަށު ކައުންސިލަށް ހުށަހެޅުއްވުމަށް އެ ކޮމެޓީން އެދިލައްވައެވެ.
ސިލަބަސް: https://storage.googleapis.com/gazette.gov.mv/docs/iulaan/108654.pdf
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!