މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އާ ރައީސަކަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޓެކްނިކަލް މެނޭޖަރު އަހުމަދު މުސްތަފާ އިއްޔެ އިންތިޚާބުކޮށްފައިވާއިރު، ސަރުކާރުގެ މީޑިއާ ތަމްސީލްކުރާ ފަރާތަކުން އެމްއެމްސީގެ ރިޔާސަތު ބަލަހައްޓާތީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްއެމްސީގެ ކުރިއަށް އޮތް ދެ އަހަރަށް ރައީސާއި ނައިބު ރައީސް އިންތިހާބު ކުރީ ކައުންސިލްގެ އާ ދައުރަށް މިދިޔަ ހޮނިހިރު ދުވަހު އިންތިހާބުކުރި މެމްބަރުން މަގާމާ ހަވާލުވުމަށް ފަހު އިއްޔެ ބޭއްވި ޖަލްސާގަ އެވެ. އެ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވީ ޕީއެސްއެމްގެ މުސްތަފާގެ އިތުރުން އާފަތިސް އޮންލައިނުން އަލީ ނިޝާން އެވެ. ނުވަ މެމްބަރުންގެ ވޯޓުން އާ ދައުރުގެ ރައީސަކަށް މުސްތަފާ އިންތިޚާބު ކުރިއިރު، ނިޝާނަށް ލިބުނީ ހަ ވޯޓެވެ.
މިކަމާއިގުޅިގެން އެމްޖޭއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެމްއެމްސީގެ ކުރިއަށް އޮތް ދައުރުގެ ރައީސަކަށް ސަރުކާރު ތަމްސީލްކުރާ މީޑިއާ، ޕީއެސްއެމް ތަމްސީލްކުރާ ބޭފުޅަކު އިންތިޚާބުވެފައިވާތީ ނޫސްވެރިންގެ ޔޫނިއަންއެއްގެ ހައިސިއްޔަތުން އެމްޖޭއޭއިން އެކަމާ ނުހަނު ކަންބޮޑުވާ ކަމަށެވެ.
އެމްޖޭއޭއިން ބުނީ ސަރުކާރުގެ ޢާންމު ކުންފުންޏެކޭ އެއްގޮތަށް މިހާރު ޤާނޫނު އޮތްގޮތުން ޕީއެސްއެމްއަކީ ސީދާ އެއިރަކު ހުންނަވާ ރައީސުލްޖުމްހޫރިއްޔާއަކު އެތަނުގެ ބޯޑާއި ހިންގުމަށް ބޭފުޅަކު އައްޔަނުކުރާ ތަނަކަށް ވުމާއެކު، ސަރުކާރުގެ މީޑިއާ ތަމްސީލްކުރާ ފަރާތަކުން މީޑިއާތައް ސެލްފް ރެގިއުލޭޓްކުރާ މުއައްސަސާއެއްގެ އެންމެ މަތީ މަގާމަށް އައުމަކީ ދައުލަތުގެ ނުފޫޒެއްނެތި މީޑިއާތަކުން ސެލްފް ރެގިއުލޭޓް ކުރުމަށް މިހާރު އޮތް ނިޒާމު މުޅިން ގަޑުބަޑުވެ، އެކަމުގެ ތެރެއަށް ނުރަނގަޅު ނުފޫޒު ވަނުމަށް ހުޅުވިގެންދާ ދޮރެއް ކަަމަށެވެ.
ސަރުކާރުގެ މީޑިއާއިން، މީޑިއާ ސެލްފް ރެގިއުލޭޓްކުރާ މުއައްސަސާއެއްގެ ރިޔާސަތު ބެލެހެއްޓުމަކީ، އެ ނިޒާމު ބަލައިގެންފައިވާ ޤައުމުތަކާއި އަދި އެ އުސޫލުގެ ހަމަޔާއި މުޅިން އިދިކީލަ ކަމެއްކަމަށް އެ ޖަމިއްޔާއިން ބުނެފަވެއެވެ. އަދި އެކަމުގެ ސަބަބުން ގިނަ އަދަދެއްގެ ނޫސްވެރިން މަސައްކަތް ކުރަމުން އަންނަ އަމިއްލަ މީޑިއާތަކަށް އެކަމުގެ ދައްޗާއި ތުރާ، ކުރިމަތިވާފަދަ ސިޔާސަތުތައް އެކަށަހެޅިގެން ދިޔުމުގެ ފުރުސަތު އޮތުމުން އެކަމާ ކަންބޮޑުވާކަމަށް އެ ޖަމިއްޔާއިން ބުނެފަވެއެވެ.
''އާޚިރުގައި އޭގެ ގެއްލުން ކުރިމަތިވާނީ، ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަން ހާލަތާށާއި، ބުރަކޮށް މަސައްކަތްކުރާ ޢާންމު ނޫސްވެރިންނަށް ކަމަށް ވެސް މި ޔޫނިއަނުން ދެކެން'' އެމްޖޭއޭއިން ބުނެފަވެއެވެ.
އެމްއެޖޭއޭއިން ބުނީ އެ ޖަމިއްޔާއިން ވަކާލާތު ކުރަނީ އަދި ޤަބޫލުކުރާ ހަމައަކީ މީޑިއާ ރެގިއުލޭޓް ކުރަންވާނީ ދައުލަތުގެ ނުފޫޒެއްނެތި އޮންނަ ސެލްފް ރެގިއުލެޓަރީ ނިޒާމެއްގެ ތެރެއިން ކަމަށް ކަމަށެވެ. އަދި އެ ނިޒާމު ގަޑުބަޑުވެގެންދާފަދަ ގޮތަކަށް ކަންތައް ވެގެން ދިޔުމަކީ ރާއްޖޭގެ ޕްރޮފެޝަނަލް މިނިވަން މީޑިއާގެ ވެއްޓެއް ޤާއިމު ކުރުމަށް ކުރަމުން އަންނަ ދަތި އުނދަގޫ މަސައްކަތުގައި ފަހަތަށް އެޅުނު ފިޔަވަޅެއްކަމަށް އެ ޖަމިއްޔާ ދެކޭ ކަމަށް ވެސް އެމްޖޭއޭއިން ބުނެފަވެއެވެ.
މީޑިއާ ކައުންސިލުގައި މީޑިއާތައް ތަމްސީލް ކުރައްވާ 7 މެންބަރަކާއި އާންމުންގެ ތެރެއިން މީޑިއާގައި ތިއްބަވާ 6 މެންބަރެއްގެ ދައުރުގެ މުއްދަތު މިހިނގާ ޑިސެންބަރު މަހުގެ 14 ވަނަ ދުވަހަށް ހަމަވާތީ އެ ކައުންސިލްގެ ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން މެންބަރުން އިންތިހާބު ކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި މީޑިއާތައް ތަމްސީލު ކުރެއްވުމަށް ހޮވުނު މެމްބަރުންނަކީ އަހްމަދު އާޒިފު (ސަން އޮންލައިން)، މުހައްމަދު ސިމާއު (ވަން އޮންލައިން)، މުހައްމަދު އަފްރާހް، (ތިލަދުން)، މޫސާ ރަޝީދު (މިހާރު އޮންލައިން)، ހުސައިން ޝަރީފު، (ވަގުތު އޮންލައިން)، އަހްމަދު މުސްތަފާ، ޕަބްލިކް (ސަރވިސް މީޑިއާ)، އަދި އަލީ ނިޝާން (އާފަތިސް އޮންލައިން) އެވެ.
އާންމުންގެ ތެރެއިން މީޑިއާ ކައުންސިލަށް އިންތިހާބުވެފައިނވަނީ، އަރުމާރު ރަޝީދު، ރޯސްވިލާ، ސ.މީދޫ، އަހްމަދު ސަފްވާން، މާކޯނި، ރ.ވާދޫ، ފާތިމަތު ޝާޒުލީ، ހ. ޝީޝަމް، އަހްމަދު އަމީން މުހައްމަދު، ރިހިދޯދި، ގދ. ފިޔޯރި، މުހައްމަދު ނަސީރު، ދަނބުގެ، ހދ.ވައިކަރުދޫ، އަދި އަލީ ރަޝީދު އިބްރާހީމް، ކުންނާރުގަސްދޮށުގެ، ދ.ކުޑަހުވަދޫ އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުންގެ ދައުރުގެ މުއްދަތަކީ 2 އަހަރު ދުވަހެވެ. އެމްއެމްސީގެ ޤާނޫނުން އެ ކައުންސިލާއި މަތިކޮށްފައިވާ މައިގަނޑު މަސައްކަތަކީ މީޑިއާގެ މިނިވަންކަން ޤާނޫނު ތަންދޭ ގޮތުގެމަތިން ވީހާވެސް ފުޅާދާއިރާއެއްގައި އެކަށައަޅައި އާލާކޮށް ދެމެހެއްޓުމެވެ. އަދި ޒިންމާދާރު ގޮތެއްގައި ހަރަކާތްތެރިވާ މީޑިއާއެއް ޤާއިމްކޮށްދިނުމެވެ. އަދި ހަމައެހެންމެ މީޑިއާގައި ދިވެހި މުޖުތަމަޢު ޤަބޫލުކުރާ އެންމެމަތީ އަޚްލާޤީ ސުލޫކީ މިންގަނޑުތަކެއް ހިފަހައްޓާ މީޑިއާއެއް ރާއްޖޭގައި ޤާއިމުކޮށް ދެމެހެއްޓުމެވެ.
އެ ކައުންސިލްގެ މެންޑޭޓްގެ ތެރޭގައި މީޑިއާގެ މިނިވަންކަން ރާއްޖޭގައި އެކަށައަޅައި ދެމެހެއްޓުމާއި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތައް ޢަމަލުކުރަންވީ ހަމަތަކާއި، އެފަރާތްތަކުގެ އަޚްލާޤީ ސުލޫކީ މިންގަނޑުތައް އެކަށައެޅުމާއި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުގެ ކޯޑު އޮފް އެތިކްސް އެކުލަވާލުމާއި، ކައުންސިލަށް ހުށަހަޅާ ޝަކުވާތައް ބެލުމާއި އަދި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ތަމްރީނު ހޯދައިދިނުމާއި، އެފަދަ ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!