ގުޅީފަޅުގައި ހުންނަ އެކޮމޮޑޭޝަން ބްލޮކެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި މިހާތަނަށް 76 މީހަކަށް އަނިޔާވެފައިވާކަމަށާއި، އޭގެތެރެއިން 6 މީހަކަށް ސީރިއަސް އަނިޔާ ލިބިފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މި އެކޮމޮޑޭޝަން ބްލޮކަކީ ތިލަމާލެ ބްރިޖު މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މީހުން ތިބޭ ތަނެކެވެ.

Ad
rt

ފުލުހުންގެ ޚިދުމަތުން މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ގުޅީފަޅުގައި ހުންނަ އެކޮމޮޑޭޝަން ބްލޮކެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެކިގޮތްގޮތުން އަނިޔާލިބި، ހާލުދެރަވި 76 މީހަކަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި، ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

މިގޮތުން އައިޖީއެމްއެޗްގައި 13 މީހަކަށް ފަރުވާދެމުން އަންނައިރު، ޓްރީޓޮޕް ހޮސްޕިޓަލްގައި 63 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. މީގެތެރެއިން 6 މީހަކަށް ސީރިއަސް އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ގުޅީފަޅުގައި ހުރި އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ އަނދާ ހުލިވެއްޖެ، 73 މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ފުލުހުންނަށް މި ހާދިސާގެ މައުލޫމާތު ލިބިފައި ވަނީ ރޭ 12:36 ހާއިރުއެވެ.

''މި މައްސަލައާއި ގުޅިގެން ފުލުހުން ދަނީ ހަރަކާތްތެރިވަމުން'' ފުލުހުން ވިދާޅުވެފައިވެއެވެ.

މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާގެ ރިޕޯޓް އެ އިދާރާއަށް ލިބުނީ ރޭ މެންދަމު 00:31 ހާއިރު ކަމަށެވެ. އަދި ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރމަނުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށިކަމަށެވެ. ފަޔަރމަނުން ކުރި މަސައްކަތުން އެތަނުގައި ރޯވި އަލިފާން ނިއްވާލެވިފައި ވަނީ ރޭ 01:52 ހާއިރުކަމަށް ވެސް އެ އިދާރާއިން ވިދާޅުވެފަވެއެވެ.

މި ހާދިސާގައި އެ އިމާރާތް ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ.