ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022" ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ކުލަބް ކޮރަލްސް ޖާގަ ހޯދިއިރު، ސެމީ ފައިނަލުގައި ޒިގްޒެގް ފޯ ޔޫތު ލިންކޭޖާއި ސޮސައިޓީ ފޯ ކުޅުދުއްފުށި ޔޫތު (ސްކައި) ބައްދަލުކުރަން ޖެހިއްޖެއެވެ.
މިއަދު ހަވީރު ގްރޫޕް ބުރުގެ ފަހު މެޗުގައި ކުލަބް ކޮރަލްސްއާއި ކުޅުދުއްފުށީ އެކުވެރިންގެ ދިރުން (ކެޑް) ބައްދަލުކިރި މެޗު ކޮރްލްސް ކާމިޔާބު ކޮށްފައި ވަނީ 13-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މިއަދުގެ މެޗުގައި ކޮރަލްސްގެ އިސްމާއިލް އީސާ 5 ލަނޑު ކާމިޔާބު ކޮށްފައިވާއިރު، އެ ޓީމްގެ އަހްމަދު ދާއޫދު ވަނީ 3 ލަނޑު ޖަހާފައެވެ. އަދި ފަތުހުﷲ އާދަމް ދެ ލަނޑު ކާމިޔާބު ކޮށްދިންއިރު، އަމްޖަދު ހަސަންއާއި އަސްވަދު ރަޝީދުގެ އިތުރުން މުޙައްމަދު ނަޝީދު، މި ކޮންމެ ކުޅުންތެރިއަކު ވަނީ އެއް ލަނޑު ޖަހާފައެވެ.
މިއަދުގެ މެޗުގައި ކެޑަށް ލަނޑު ޖަހައި ދީފައި ވަނީ އެ ޓީމްގެ އަބްދުﷲ މުޙައްމަދާއި އަބްދުﷲ މާޖިދެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ކޮރަލްސްގެ ޖޯޒީ ނަމްބަރު 10، އިސްމާއިލް އީސާއެވެ.
ފޮޓޯ: ކުޅުދުއްފުށި ސިޓީ ކައުންސިލް
މި މޮޅާއިއެކު ގްރޫޕް ބުރުގައި ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް 12 ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނަ ހޯދައި ކޮރަލްސް ވަނީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައެވެ.
މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ކުޅެ އެއްވަނަ ލިބޭ ޓީމަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭ ގޮތަށެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ޕޮއިންޓް ތާވަލުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމްގެ މެދުގައި ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.
ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށް 9 ޕޮއިންޓާއިއެކު ޒިގްޒެގް ދެވަނާގައި އޮތްއިރު ހަތަރު މެޗުން ހަ ޕޮއިންޓް ހޯދައިގެން ތިންވަނާގައި އޮތީ ސްކައިއެވެ.
ޒިގްޒެގާއި ސްކައި ބައްދަލުކުރާ މުބާރާތުގެ ސެމީ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. އެ މެޗުން މޮޅުވާ ޓީމެއް 19 ވަނަ ދުވަހު ކުޅޭ ފައިނަލް މެޗުގައި ބައްދަލު ކުރަން ޖެހޭނީ ކުލަބް ކޮރަލްސްއާއެވެ.
މިއަދުގެ މެޗު ޝަރަފްވެރި ކޮށްދެއްވާފައި ވަނީ އަބްދުއްރަޝީދު ސައީދުއެވެ. ސައީދު ވަނީ ކުޅުދުއްފުށީ މަގުލަސް ކުލަބަށާއި ޒުވާނުންގެ ޖަމިއްޔާގެ މެނޭޖަރެއްގެ އިތުރުން ކޯޗެއްގެ ގޮތުން އަތޮޅު އަދި ޒޯން މުބާރާތުގެ ތަށި ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން ކުޅުދުއްފުށީގެ ތިން ދަނޑު ކަމަށްވާ ކޮރަލްސް، ޒިގްޒެގް އަދި ހިރަފުހަށް ވަނީ އެކު މުބާރާތްތަކުގައި ތަށި ކާމިޔާބު ކޮށްދީފައެވެ. އޭނާ ވަނީ 2017 ވަނަ އަހަރުގެ މިނިވަން ޗެމްޕިއނަޝިޕްގެ ހދ. އަތޮޅު މުބާރާތާއި ޒޯން މުބާރާތް ކުޅުދުއްފުށި ކާމިޔާބުކުރި އިރު އެ ޓީމްގެ ޖެނެރަލް ސެކްރެޓަރީގެ މަޤާމް އޭނާ ވަނީ އަދާކޮށްފައެވެ. މީގެއިތުރުން 2015، 2016 ވަނަ އަހަރު ނިއުރޭޑިއަންޓްގެ މެނޭޖްމެންޓުގައި އިސް ދައުރެއް އަދާކޮށް، މިހާރު ހަރަކާތްތެރި ވަމުން އަނަނަނީ ނިއުރޭޑިއަންޓްގެ ޓެކްނިކަލް ކޮމެޓީގައެވެ.
މި މުބާރާތުގައި ޖުމްލަ ފަސް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު، ކުލަބް ކޮރަލްސް، ޒިގެޒެގް ފޯ ޔޫތު ލިންކޭޖް، ކުޅުދުއްފުށީ އެކުވެރިންގެ ދިރުން އަދި މާއްޓޭ ސްޕޯޓްސްއެވެ.
މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށީގެ ޒުވާނުންގެ އިތުރުން ފުޓްބޯޅަ ކުޅުމަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް މުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު ހޯދައިދިނުމާއި، ޒުވާނުންގެ ފުޓްބޯޅަ ހުނަރު އިތުރު ކުރުމާއި، ޤައުމީ ފެންވަރުގައި ފުޓްބޯޅަ ކުޅޭ ޒުވާނުން އެ ސިޓީގައި އުފެއްދުމުގެ އިތުރުން އެ ސިޓީއަކީ ޤައުމީ ކުޅިވަރު ކަމުގައިވާ ފުޓްބޯޅަ ކުރިއެރުވުމަށް އެހީތެރިވާ ރަށަކަށް ހެދުން ހިމެނެއެވެ. މީގެއިތުރުން އެ ސިޓީގައި ފުޓްބޯޅަ އައު ހަރުފަތަކަށް ގެންދިޔުމާއި، ޒުވާނުން ކުށުގެ ވެށިން ދުރުކުރުމަކީ ވެސް މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
މުބާރާތުގައި ގިނަ ވަނަތަކެއް ހޮވައި ފައިސާގެ އިނާމާއި ޓްރޮފީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ޗެމްޕިއަން ޓީމަށް 50000 (ފަންސާސްހާސް) ރުފިޔާ ދިނުމަށް ނިންމާފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ 10000 (ދިހަހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ އެމްޓީސީސީއެވެ. ކޯސްޕޮންސަރއަކީ ފެނަކައެވެ. އަދި ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތިލަދުންއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!