ލ. ގަމު ތުނޑީ އަވަށުގައި އައު މިސްކިތެއް އެޅުމަށް ފަހުމުނާމައިގާ ސޮއި ކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައި މިއަދު ރަސްމިއްޔާތުގައި މިސްކިތް އިމާރާތްކުރުމުގެ ފަހުމުނާމައިގާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ. މިސްކިތުގެ މަސައްކަތް ހަވާލުކުރި ފެޑޯ ޕްރައިވެޓް ލިމިޓެޑުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ފަޔާޒް އެވެ.

Ad
rt

ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން އިމާރާތްކުރާ މި މިސްކިތަށް 16،818،646.27 (ސޯޅަ މިލިއަން އަށްލައްކަ އަށާރަހާސް ހަސަތޭކަ ސާޅީސް ހަ ރުފިޔާ ހަތާވިސް ލާރި) ހަރަދުވާނެ އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ މިސްކިތްތައް ޢިމާރާތްކުރުމަށް ސަރުކާރުން ކުރިއަށް ގެންދަވާ މަސައްކަތްތަކަށް ބައްލަވާލައްވާ، މިސްކިތްތައް ޢިމާރާތްކުރައްވާ ބޭފުޅުން، އެއްބަސްވުމުގައި ކަނޑައެޅިފައިވާ ދުވަހަށް މަސައްކަތް ނިންމެވުމަށް އެދިވަޑައިގެންފަ އެވެ.

މީގެ އިތުރުން މިހާރު އަލަށް އިމާރާތްކުރެވޭ މިސްކިތްތަކަކީ ތަފާތު ރީތި ޑިޒައިންތަކަށް ބިނާކުރެވޭ އިމާރާތްތަކެއްކަން ފާހަގަކުރައްވައި، އެ ޑިޒައިންތަކާއި އެއްގޮތަށް، ކޮލިޓީކޮށް ކަނޑައެޅިފައިވާ މުއްދަތަށް މިސްކިތްތަކުގެ މަސައްކަތް ނިންމުމަކީ ސަރުކާރުން ބާރުއަޅުއްވާ ކަމެއްކަމަށް ވެސް ވިދާޅުވި އެވެ.

ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ވަނީ ސަރުކާރުން މިސްކިތްތައް ބިނާކުރުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާ ސަރުކާރަށް ޝުކުރުއަދާކުރައްވާފަ އެވެ. އަދި ގަމުގައި ބިނާކުރެވުނު މިސްކިތުގެ މަސައްކަތް ހިނގަމުންދިޔަ ގޮތް އިސްލާމިކް މިނިސްޓްރީން ވަރަށް ގާތުން ބައްލަވާ، އެކަމަށް ބެހެއްޓެވި އަހަންމިއްޔަތުކަން ވެސް ފާހަގަކުރެއްވި އެވެ.

މިހާރު ލ. ގަމުގައި އިމާރާތްކުރަން އެއްބަސްވެވުނު މިސްކިތުގެ ސަބަބުން އެ ރަށުގެ މިސްކިތްތަކުގެ ޖާގައިގެ ދަތިކަން ހައްލުވާނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފިރިހެނުންނާއި އަންހެނުންނަށް ވެސް ނަމާދުކުރެވޭ ގޮތަށް 700 މީހުންގެ ޖާގައިގާ ބިނާ ކުރާ މި މިސްކިތް 365 ދުވަސްތެރޭގައި ނިންމަން ޖެހެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއާއި، މިނިސްޓްރީގެ އިސްވެރިންނާއި، ލ. ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމްއާއި ފެޑޯ ޕްރައިވެޓް ލިމިޓެޑުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.