ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ދޫކުރާ ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗާ ލައިސަންސް އެ އޮތޯރިޓީން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދީފިއެވެ.
އެޗްޑީސީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗާ ލައިސަންސް ހަވާލުކޮށްދެއްވީ ކޮމިއުނިކޭޝަންސް އޮތޯރިޓީގެ ޗީފް އެކްޒްކެޓިވް އިލްޔާސް އަހުމަދުއެވެ. އެޗްޑީސީގެ ފަރާތުން ލައިސެންސާއި ހަވާލުވެވަަޑައިގަތީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފްއެވެ.
މި ލައިސަންސްގެ ދަށުން އެޗްޑީސީއަށް ހުޅުމާލޭގައި މުއާސަލާތީ އިންފްރާސްޓްރަކްޗާ ގާއިމުކޮށް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ބޭނުމަށް މިއިންފްރާސްޓްރަކްޗާ ދޫކުރުމުގެ ހުއްދަ ލިބިގެންދާނެއެވެ.
މިއީ މުއާސަލާތީ ހިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް ބޭނުން ކުރެވޭގޮތަށް ދިވެހިރާއްޖޭގައި ގާއިމުކޮށްފައިވާ ފުރަތަމަ އޯޕަން އެކްސެސް ހުއްދައެވެ. މި ލައިސަންސް ރަސްމީކޮށް އެޗްޑިސީއާ އިއްޔެ ހަވާލުކުރި ނަމަވެސް، މީގެ ކުރިން ވެސް ހުއްދައާއި އެކު އެޗްޑީސީ އިން ވަނީ މި މަސައްކަތްކޮށްފައެވެ.
އެ ކުންފުނިން ބުނި ގޮތުގައި ރަސްމީ ލައިސަންސް ދޫކުރީ މުއާސަލާތީ ހިދުމަތްދޭ ފަރާތްތަކުގެ ފުރިހަމަ އިތުބާރު އެ ކޯޕަރޭޝަނަށް ލިބި ފެންވަރު ރަނގަޅު ހިދުމަތްތަކެއް ރައްޔިތުނަށް ފޯރުކޮށްދެމުން ދާތީއެވެ.
އެޗްޑީސީން ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އޯޕަން އެކްސެސް ނެޓުވޯކެއް ގާއިމުކޮށް، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެފްޓީޓީއެޗް (ފައިބާ ޓު ދަ ހޯމް)ގެ ހިދުމަތް ވެސް ދޭން ފަށާފައެވެ. އަދި މިފަދަ ހިދުމަތެއްގެ ސަބަބުން އިންޓަނެޓު އަދި ޓީވީގެ ހިދުމަތްތަކަށް އިތުރު ފުރިހަމަ ކަމެއް ލިބި، މުއާސަލާތީ ހިދުމަތްދޭ ފަރާތްތަކަށް އަވަސްކަމާއެކު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް މަގުފަހި ވެގެންދާނެ ކަމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އަދި އަދި އެޗްޑީސީން ގަބޫލުކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!