ހދ. ނޮޅިވަރަންފަރު ސަހަރާ ރޭގެ ވަގުތެއްގައި ބަޔަކު ކޮނެފައިވާއިރު، އެރަށު ކައުންސިލުން އެކަން ކުށްވެރިކޮށްފިއެވެ.

ނޮޅިވަރަންފަރު ކައުންސިލްގެ ފަސް މެންބަރުން ސޮއިކުރައްވާ މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ރޭގެ 23:30 ހާއިރު އެރަށު ސަހަރާއަށް ބަޔަކުވަދެ، ރުގްޔާ ކުރުމުގެ ނަމުގައި ކޮނުމުގެ މަސައްކަތްކުރާ ކަމުގެ މައުލޫމާތު އެކައުންސިލަށް ލިބުމުން، ކައުންސިލުން އެތަނަށް ދިޔަކަމަށެވެ.

Ad
rt

ކައުންސިލުން އެތަނަށް ދިޔައިރު އެކަން ކުރަމުން ދިޔައީ ނޮޅިވަރަންފަރުގައި ހުންނަ ޕޮލިސް ސްޓޭޝަންގެ ފުލުހުންނާއި، އެ ސްޓޭޝަންގެ އިންޗާޖުގެ ހާޟިރުގައި ކަމަށް އެބަޔާނުގައި ވެއެވެ.

އެރަށު ސަހަރާ ކޮނުމުގެ ހުއްދައަށް އެދި އަނގަބަހުން އެކިފަހަރުމަތިން ކައުންސިލަށް ކުރިން ހުށަހެޅުމުން ކައުންސިލުން އިސްލާމިކް މިނިސްޓްރީގެ ލަފާ ހޯދިކަމަށް ކައުންސިލްގެ ބަޔާނުގައިވެއެވެ. އަދި ޝަރްޢީ ރުގްޔާގައި ސަހަރާ ކޮނުމެއް ނޯންނަކަމަށާއި، އެކަން ކުރުމަށް ހުއްދަ ނުދިނުމަށް މިނިސްޓްރީން އިރުޝާދުދެއްވި ކަމަށް އެ ބަޔާނުގަވެއެވެ.

''މިލަފަޔާއެކު އެކަން ކުރަން ހުއްދަ ނުދެވޭނެކަމަށް އެކަމަށް އެދުނު ފަރާތަށް ކައުންސިލުން އެންގިން'' އެބަޔާނުގައި ވެއެވެ.

ނޮޅިވަރަންފަރު ކައުންސިލުން ވިދާޅުވީ، އެކައުންސިލްގެ ހުއްދަނެތި އެރަށުގެ ސަހަރާއަށް ވަދެ، ކޮނުނު ކޮނުން ހަރުކަށި އިބާރާތަކުން މުއްވެރިކުރާ ކަމަށެވެ.

ނޮޅިވަރަންފަރު ކައުންސިލްގެ ބަޔާން

މި މައްސަލައާއިގުޅިގެން ފުލުހުން މީޑިއާތަކަށް ވިދާޅުވެފައިވަނީ، ސަހަރާ ކޮނެފައި ވަނީ ފުލުހުހުންނަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ކައުންސިލްގެ އެހީތެރިކަމާއެކުގައި ކަމަށެވެ. އަދި ސަހަރާ ބަލާ ފާސްކުރީ ކައުންސިލާއި މައުލޫމާތު ހިއްސާކުރުމަށްފަހުގައި ކަމަށެވެ.

ނޮޅިވަރަންފަރުން ''ތިލަދުން'' އާއި ވާހަކަ ދެއްކި މީހަކު ބުނީ، އެރަށު ސަހަރާ ކޮނުނީ މާލޭގައި ދިރިއުޅޭ އެރަށު މީހަކަށް ސިހުރުގެ އުނދޫގޫވާތީ ރުގްޔާ ކުރުމުގެ ތެރޭގައިކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

''މިރަށުގައި ހުންނަ އެމީހުންގެ ގޭ ތެރެއިން ވެސް ސިހުރު ހަދާފައި ހުރި އެއްޗެހި ކޮނެގެން ނެގިކަމަށް އިނގިފައި އޮތީ'' އޭނާ ބުންޏެވެ.