ހދ. ނޮޅިވަރަމްގައި މަރާލާފައި އޮތް ކަމަށް ޝައްކުކުރެވޭ އެރަށު ނިޝާމާ މުޙައްމަދުގެ ފިރިމީހާ، އދ. ފެންފުށީ، ރޯސްވިލާ، އަބޫބަކުރު ފައިސަލްގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ނިޝާމާގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ފައިސަލްގެ ބަންދަށް، ކޯޓުން 15 ދުވަސް ދީފައިވާކަމަށެވެ.
ނިޝާމާ ދިރިއުޅުނު ނޮޅިވަރަމް ހިތައްގިނިވާގޭ ކޮޓަރި ތެރޭގައި ހޭނެތިފައި އޮއްވައި ފެނުނީ މި ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. ނޮޅިވަރަމްގައި މީހަކު މަރާލައިގެން އުޅޭކަމަށް ބުނެ ފުލުހުންގެ އިދާރާއަށް ރިޕޯޓުކޮށްފައި ވަނީ އެދުވަހުގެ 12:30 ގައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
''މި މައުލޫމާތު ލިބުމާއެކު ފުލުހުން ސީނަށް އެޓެންޑްވެ، ހޭނެތިފައި އޮތް މީހަކު ފުލުހުންގެ އެހީތެރިކަމާއެކު އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވޭ، އެމީހާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދެއްވާފައިވޭ'' ޑިސެމްބަރު 10 ވަނަ ދުވަހު ފުލުހުން ވިދާޅުވެފަވެއެވެ.
ނިޝާމާ ކޮޓަރިތެރެއިން ފެނުނުއިރު، އޭނާގެ ފިރިމީހާ ވަނީ އެ ދުވަހު ހެނދުނު ފުރައިގެން ކުޅުދުއްފުށީ ސިޓީ އަށް ގޮސްފައެވެ. ފުލުހުން ވަނީ އެ މައްސަލައިގެ ތުހުމަތުގައި އެދުވަހު އޭނާ ހައްޔަރުކޮށްފައެވެ.
ނިޝާމާ މުޙައްމަދުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!