ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022" ފުޓްބޯޅަ މުބާރާތުގައި މިއަދު މާއްޓޭ ސްޕޯޓްސްއާއި ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު (ސްކައި) ބައްދަލުކުރި މެޗު ތަފާތު ބޮޑު ނަތީޖާއަކުން ސްކައި އިން ކާމިޔާބު ކޮށް މުބާރާތުގެ ފައިނަލަށް ދިއުމަށް އެ ޓީމުން ކުރާ އުންމީދު ދަމަހައްޓައިފިއެވެ.

މިއަދު ހަވީރު މާއްޓޭ ސްޕޯޓްސްއާއި ސްކައި ބައްދަލުކުރި މެޗު، ސްކައި އިން ކާމިޔާބު ކޮށްފައި ވަނީ 19-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ މި މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ތަފާތު ބޮޑު ނަތީޖާއެވެ.

Ad
rt

މުޅި މެޗު ކޮންޓްރޯލް ކޮށްގެން ސްކައި އިން ކުޅެފައިވާއިރު، އެ ޓީމުން ފުރަތަމަ ހާފުގައި އެކަނި ވެސް ވަނީ 9 ލަނޑު ޖަހާފައެވެ. މެޗުގެ ފުރަތަމަ ހަތަރު ލަނޑު ފުރަތަމަ ދިހަ މިނެޓްގެ ތެރޭގައި ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 21، އިބްރާހީމް ވަހީދުއެވެ.

މެޗުގެ ފަސްވަނަ ލަނޑުސްކައިގެ ޖޯޒީ ނަމްބަރު 8، ހުސެއިން އަބްދުއްރަޝީދު ކާމިޔާބު ކޮށްދިންއިރު، ހަވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 10، އިފްރާން އަބޫބަކުރެވެ. ހަތްވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ވެސް ހުސެއިން އަބްދުއްރަޝީދުއެވެ.

މެޗުގެ އަށްވަނަ ލަނޑާއި ނުވަވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ މެޗުގެ ފުރަތަމަ ހަތަރު ލަނޑު ވެސް ޖެހި އިބްރާހީމް ވަހީދުއެވެ.

ދެވަނަ ހާފުގައި ސްކައި އިން 10 ލަނޑު ޖަހާފައިވާއިރު، މާއްޓޭ ސްޕޯޓްސްގެ ހަމައެކަނި ލަނޑު ވެސް ކާމިޔާބު ކޮށްފައި ވަނީ މި ހާފުގައެވެ.

ސްކައީގެ ދިހަވަނަ ލަނޑު އެ ޓީމްގެ ޖޯޒީ ނަމްބަރު 19، މުޙައްމަދު ހަމްދާން ކާމިޔާބު ކޮށްދިންއިރު، އެގާރަވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ވެސް އިބްރާހީމް ވަހީދުއެވެ. ބާރަވަނަ ލަނޑު އެ ޓީމްގެ ޖޯޒީ ނަމްބަރު 30، މާއްދު އަދުނާން ކާމިޔާބު ކޮށްދިންއިރު، ތޭރަވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 17، އަހްމަދު ނަދީމްއެވެ.

މެޗުގައި ސްކައި އިން އެންމެ ފަހުން ކާމިޔާބުކުރި ހަ ލަނޑު ވެސް ޖަހާފައި ވަނީ އިބްރާހީމް ވަހީދުއެވެ. އޭނާ ވަނީ މި މެޗުގައި ޖުމްލަ 13 ލަނޑު ޖަހާފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވިފައި ވަނީ އޭނާއެވެ.

މެޗުގައި މާއްޓޭ ސްޕޯޓްސް އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭ ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 3، އިސްމާއިލް އަހްސަންއެވެ.

މި މުބާރާތުގެ ހަތްވަނަ މެޗު މާދަމާ ހަވީރު 15:50 ގައި ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް ފުޓްބޯޅަ ދަނޑުގައި އޮންނާނެއެވެ. އެ މެޗުގައި ބައްދަލުކުރާނީ ކްލަބް ކޮރަލްސްއާއި ޒިގްޒެގް ފޯ ޔޫތު ލިންކޭޖެވެ.

މި މުބާރާތުގައި ޖުމްލަ ފަސް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު، ކުލަބް ކޮރަލްސް، ޒިގެޒެގް ފޯ ޔޫތު ލިންކޭޖް، ކުޅުދުއްފުށީ އެކުވެރިންގެ ދިރުން އަދި މާއްޓޭ ސްޕޯޓްސްއެވެ.

މެޗްގެ މޮޅު ކުޅުންތެރިޔާ އިބްރާޙީމް ވަޙީދަށް، ޝަރަފްވެރި މެޚްމާން ޢަލީ، އިނާމް ހަވާލުކޮށް ދެއްވަނީ، ފޮޓޯ: ކުޅުދުއްފުށި ސިޓީ ކައުންސިލް

މުބާރާތް ރާވާލާފައި ވަނީ ކޮނެމް ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭ ގޮތަށެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ މުބާރާތުގެ ގްރޫޕް ބުރު ކުޅެ ނިމޭއިރު ޕޮއިންޓް ތާވަލުގެ ދެވަނަ ހޯދާ ޓީމާއި ތިންވަނަ ހޯދާ ޓީމާއި ދެމެދު ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.

މުބާރާތުގެ ސެމީފައިނަލް މެޗު މި މަހުގެ 17 ވަނަ ދުވަހު ކުޅުމަށް ތާވަލު ކޮށްފައިވާއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 19 ވާ ހޯމަ ދުވަހުއެވެ.

މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށީގެ ޒުވާނުންގެ އިތުރުން ފުޓްބޯޅަ ކުޅުމަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް މުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު ހޯދައިދިނުމާއި، ޒުވާނުންގެ ފުޓްބޯޅަ ހުނަރު އިތުރު ކުރުމާއި، ޤައުމީ ފެންވަރުގައި ފުޓްބޯޅަ ކުޅޭ ޒުވާނުން އެ ސިޓީގައި އުފެއްދުމުގެ އިތުރުން އެ ސިޓީއަކީ ޤައުމީ ކުޅިވަރު ކަމުގައިވާ ފުޓްބޯޅަ ކުރިއެރުވުމަށް އެހީތެރިވާ ރަށަކަށް ހެދުން ހިމެނެއެވެ. މީގެއިތުރުން އެ ސިޓީގައި ފުޓްބޯޅަ އައު ހަރުފަތަކަށް ގެންދިޔުމާއި، ޒުވާނުން ކުށުގެ ވެށިން ދުރުކުރުމަކީ ވެސް މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މުބާރާތުގައި ގިނަ ވަނަތަކެއް ހޮވައި ފައިސާގެ އިނާމާއި ޓްރޮފީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ޗެމްޕިއަން ޓީމަށް 50000 (ފަންސާސްހާސް) ރުފިޔާ ދިނުމަށް ނިންމާފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ 10000 (ދިހަހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ އެމްޓީސީސީއެވެ. ކޯސްޕޮންސަރއަކީ ފެނަކައެވެ. އަދި ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތިލަދުންއެވެ.