މަސްވެރިކަމުގެ ސިނާޢަތުގައި މިހާރުހުރި ބޮޑެތި މައްސަލަތައް އަންނަ 2023 ވަނަ އަހަރުގެ މެދަކާއި ހަމައަށް ހައްލުކުރެެވޭނެ ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ސަރުކާރުން ފާހަގަ ކުރަމުން ގެންދާ ގދ. ފަރެސްމާތޮޑާގައި ކުރިއަށްދާ ކަންކަމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޞާލިޙް މިހާރު އެރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ފަރެސްމާތޮޑާގެ މަސްވެރިންނާއި ބައްދަލު ކުރައްވާފައެވެ.
މިއަދު ހަވީރު، ފަރެސްމާތޮޑާގައި ހުންނަ ހުވަދޫ ސްކޫލުގައި ކުރިއަށް ދިޔަ މިބައްދަލުވުމުގައި މަސްވެރިން ވަނީ މަސްވެރިންނަށް ދިމާވާ ދަތިތައް ރައީސަށް ދަންނަވާފައެވެ.
މިގޮތުން މަސްވެރިން ފާހަގަކުރި ދަތިކަންކަމުގެ ތެރޭގައި، މަސްވެރިން ބާނާ މަސްކިރުވުމުގައި ހުރި ދަތިތަކާއި، މަސްވެރިން ކިރުވާމަހަށް ފައިސާ ލިބުންލަސްވުމާއި، އައިސްލިބުން ދަތިވުމާއި، ތެޔޮލިބުން ދަތިވުމުގެ މައްސަލަތައް ހިމެނެއެވެ. އަދި މަސްވެރި އުޅަނދުފަހަރުގައި ސެޓަލައިޓް ފޯނު ބޭނުން ކުރުމުގައި ދިމާވާ ދަތިތަކާއި، މަސްވެރިންގެ މެދުގައި ފައިސާ ބެހުމުގައި، ބޭންކު ލިމިޓްގެ ސަބަބުން ދިމާވާ ދަތިތައް މަސްވެރިން ވަނީ ރައީސްއަށް ދަންނަވާފައެވެ.
މިބައްދަލުވުމުގައި މަސްވެރިންގެ އަޑު އެއްސެވުމަށްފަހު ރައީސް ޞާލިޙް ވަނީ، މަސްވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެފައިވާ މައްސަލަތަކަކީ، މަސްވެރި އުޅަނދު ފަހަރު ތަރައްޤީވެގެން އައި މިންވަރަށް، ސަރުކާރުތަކުން މަސްވެރިކަމުގެ ސިނާއަތް ތަރައްޤީކުރުމަށް މަސައްކަތް ކުރެވިފައި ނެތުން ކަމަށް ވިދާޅުވެފައެވެ. މިގޮތުން ފާއިތުވި 10 ނުވަތަ 12 ވަރަކަށް އަހަރުގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި އެމަސައްކަތްކުރެވިފައި ނެތްކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި، ރައީސް ވަނީ މިހާރުވެސް މުޅި ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި ހުރި މައްސަލަތައް ޙައްލު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދާކަން ފާހަގަ ކުރައްވާފައެވެ. މިގޮތުން މަސްކުންފުނިތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ވެސް ފާހަގަ ކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ މަސްވެރިކަމުގެ ސިނާޢަތުގައި ހުރި ބޮޑެތި މައްސަލަތަށް އަންނަ އަހަރުގެ މެދަކާއި ހަމައަށް ހައްލުވެގެންދާނެ ކަމަށް ވިދާޅުވެފައިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!