ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022" ފުޓްބޯޅަ މުބާރާތުގައި މިއަދު ޒިގްޒެގް ފޯ ޔޫތު ލިންކޭޖާއި ކުޅުދުއްފުށީ އެކުވެރިންގެ ދިރުން (ކެޑް) ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ޒިގްޒެގުން ކާމިޔާބު ކޮށްފިއެވެ.
މިއަދު ހަވީރު ޒިގްޒެގާއި ކެޑް ބައްދަލުކުރި މެޗު، ޒިގްޒެގުން ކާމިޔާބު ކޮށްފައި ވަނީ 11-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މިއަދުގެ މެޗު ފަށައިގެން ފުރަތަމަ ތިރީސް މިނެޓްގައި ކެޑުން ވަނީ ޒިގްޒެގަށް ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓާފައެވެ. ޒިގްޒެގުން މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައި ވަނީ 34 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 8، އިބްރާހީމްއެވެ. އޭގެ ދެ މިނެޓް ފަހުން ޒިގްޒެގްގެ ޖޯޒީ ނަމްބަރު 17 ، އަންވަރު އާދަމް ވަނީ ލަނޑުޖަހައި ލީޑު ފުޅާކޮށްފައެވެ. ޒިގެޒެގްގެ ތިންވަނަ ލަނޑު 38 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 20، އަބޫބަކުރެވެ.

މެޗުގެ ދެވަނަ ހާފުގައި ޒިގްޒެގުން ވަނީ 8 ލަނޑު ޖަހާފައެވެ. ޒިގެޒެގްގެ ހަތަރުވަނަ ލަނޑާއި ފަސްވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 7، ހަސަންއެވެ. ހަވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 8 އިބްރާހީމްއެވެ.
މެޗުގެ ދެވަނަ ހާފުގައި ޒިގްޒެގްގެ ޖޯޒީ ނަމްބަރު 4، އަހްމަދު ވަނީ ތަފާތު ދައްކާފައެވެ. އޭނާ ވަނީ މިހާފުގައި ހަތަރު ލަނޑު ޖަހާފައެވެ. ޒިގްޒެގުން މެޗުގައި ކާމިޔާބުކުރި އެގާރަވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 5، އަހްމަދުއެވެ.
މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއާއަށް ހޮވިފައި ވަނީ ޒިގްޒެގްގެ ޖޯޒީ ނަމްބަރު 7، ހަސަން ނަޒީމްއެވެ.
މި މުބާރާތުގެ ހަވަނަ މެޗު މާދަމާ ހަވީރު 15:50 ގައި ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް ފުޓްބޯޅަ ދަނޑުގައި އޮންނާނެއެވެ. އެ މެޗުގައި ބައްދަލުކުރާނީ ސްކައިއާއި މާއްޓޭ ސްޕޯޓްސްއެވެ.
މި މުބާރާތުގައި ޖުމްލަ ފަސް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު، ކުލަބް ކޮރަލްސް، ޒިގެޒެގް ފޯ ޔޫތު ލިންކޭޖް، ކުޅުދުއްފުށީ އެކުވެރިންގެ ދިރުން އަދި މާއްޓޭ ސްޕޯޓްސްއެވެ.
މުބާރާތް ރާވާލާފައި ވަނީ ކޮނެމް ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭ ގޮތަށެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ މުބާރާތުގެ ގްރޫޕް ބުރު ކުޅެ ނިމޭއިރު ޕޮއިންޓް ތާވަލުގެ ދެވަނަ ހޯދާ ޓީމާއި ތިންވަނަ ހޯދާ ޓީމާއި ދެމެދު ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.
މުބާރާތުގެ ސެމީފައިނަލް މެޗު މި މަހުގެ 17 ވަނަ ދުވަހު ކުޅުމަށް ތާވަލު ކޮށްފައިވާއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 19 ވާ ހޯމަ ދުވަހުއެވެ.
މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށީގެ ޒުވާނުންގެ އިތުރުން ފުޓްބޯޅަ ކުޅުމަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް މުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު ހޯދައިދިނުމާއި، ޒުވާނުންގެ ފުޓްބޯޅަ ހުނަރު އިތުރު ކުރުމާއި، ޤައުމީ ފެންވަރުގައި ފުޓްބޯޅަ ކުޅޭ ޒުވާނުން އެ ސިޓީގައި އުފެއްދުމުގެ އިތުރުން އެ ސިޓީއަކީ ޤައުމީ ކުޅިވަރު ކަމުގައިވާ ފުޓްބޯޅަ ކުރިއެރުވުމަށް އެހީތެރިވާ ރަށަކަށް ހެދުން ހިމެނެއެވެ. މީގެއިތުރުން އެ ސިޓީގައި ފުޓްބޯޅަ އައު ހަރުފަތަކަށް ގެންދިޔުމާއި، ޒުވާނުން ކުށުގެ ވެށިން ދުރުކުރުމަކީ ވެސް މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
މުބާރާތުގައި ގިނަ ވަނަތަކެއް ހޮވައި ފައިސާގެ އިނާމާއި ޓްރޮފީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ޗެމްޕިއަން ޓީމަށް 50000 (ފަންސާސްހާސް) ރުފިޔާ ދިނުމަށް ނިންމާފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ 10000 (ދިހަހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ އެމްޓީސީސީއެވެ. ކޯސްޕޮންސަރއަކީ ފެނަކައެވެ. އަދި ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތިލަދުންއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!