ހދ. ނޮޅިވަރަމްގައި މަރާލާފައި އޮތް ކަމަށް ޝައްކުކުރެވޭ އަންހެނަކު ފެނިއްޖެއެވެ.

ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް އަދި ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ ''ތިލަދުން'' އަށް ވިދާޅުވީ އެރަށުގައި އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށެވެ.

Ad
rt

''އެ އަންހެން މީހާ މިހާރު އޮތީ ސިއްހީ މަރުކަޒުގައި، އޭނާގެ ފުރާނަ ނެތްކަން ޔަޤީން، ފުލުހުން ދަނީ މައްސަލަ ތަޙްޤީޤް ކުރައްވަމުން'' މުސްތަފާ ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެން މީހާ މަރުވެފައި ވަނީ ފިރިމީހާގެ ޢަމަލުކަންކަމަށް ތުހުމަތު ކުރެވެއެވެ. ނޮޅިވަރަމަށް ނިސްބަތްވާ އެ އަންހެންމީހާގެ ފިރިމީހާއަކީ އދ. ފެންފުއްޓަށް ނިސްބަތްވާ މީހެއްކަމަށް މައުލޫމާތު ލިބެއެވެ.

މަރާލާފައި އޮއްކަމަށް ޝައްކުވާ އަންހެން މީހާއަކީ އެރަށު ހިތަށް ފިނިވާގޭ، އައިޝަތު ނިޝާމާ ކިޔާ މީހެއް ކަމަށް މަޢުލޫމާތު ލިބެއެވެ. އޭނާ މަރާލާފައި އޮއްވާ ފެނުނީ ކޮޓަރީގެ ދޮރު ނުހުޅުވައިގެން ދޮރު ވައްޓާލައިގެން ބެލިއިރުއެވެ.

އެ އަންހެން މީހާ މަރާލާފައި އޮއްވާ ފެނުނުއިރު، ފިރިމީހާ ހުރީ ފުރައިގެން ކުޅުދުއްފުއްޓަށް ގޮސްފައިކަމަށް ވެސް މި ނޫހަށް މައުލޫމާތު ލިބެއެވެ. އަދި އެމީހާއަކީ މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ މީހެއްކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ނޮޅިވަރަމްގައި އެ ހާދިސާ ހިނގައިގެން އުޅޭކަމަށް ބުނާ ''ހިތައްފިނިވާގެ''

މި މައްސަލައާއިގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހދ. ނޮޅިވަރަމްގައި މީހަކު މަރާލައިގެން އުޅޭކަމަށް ބުނެ މިއަދު 12:30 ގައި އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

''މި މައުލޫމާތު ލިބުމާއެކު ފުލުހުން ސީނަށް އެޓެންޑްވެ، ހޭނެތިފައި އޮތް މީހަކު ފުލުހުންގެ އެހީތެރިކަމާއެކު އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވޭ'' ފުލުހުން ވިދާޅުވިއެވެ.

އެ މީހާއަކީ 28 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި، އެމީހާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދެއްވާފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.