އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާއިރު، މިއަދު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހިފައިވަނީ، އިންސާނީ ޙައްޤުތަކަށް ހުރަސްއެޅޭ ގޮތަށް އަޅުގަނޑުމެންގެ ތެރޭގައި ހުރި ނުރަނގަޅު އާދަތައް ނައްތައިލުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
ރައީސް ޞާލިޙް ވިދާޅުވީ، މި އަހަރުގެ އިންސާނީ ޙައްޤުތަކުގެ ދުވަހަށް، އދ. މަޖިލީހުން ކަނޑައަޅާފައިވާ ޝިޢާރު، "ކަރާމާތާއި މިނިވަންކަމާއި އިންޞާފު، އެންމެންނަށް" ރަމްޒުކޮށްދެނީ، އިންސާނުންގެ މެދުގައި އޮންނަންޖެހޭ ހަމަހަމަކަމާއި އިޙްތިރާމާއި ޤަދަރުކުރުމުގެ ސިފަ ދެމެހެއްޓުމަށް މަސައްކަތް ކުރުމުގެ މުހިންމުކަން ކަމަށެވެ.
މިނިވަންކަމާއި ޢަދުލު އިންޞާފާއި ޞުލްޙަވެރިކަން، މުޖްތަމަޢުގައި ދެމެހެއްޓޭނީ އެކަކު އަނެކަކާ މެދު އިޙްތިރާމާއި ލޯތްބާއި އިންޞާފާއެކު މުޢާމަލާތު ކޮށްގެން ފާހަގަ ކުރައްވަމުން، ރައީސް ވިދާޅުވީ، އިންސާނަކަށް ވީތީ ކޮންމެ މީހަކަށް ލިބެންޖެހޭ އެންމެ އަސާސީ ޙައްޤުތައްވެސް ފުރިހަމަ ގޮތުގައި ޙިމާޔަތްކޮށް ރައްކާތެރިކުރެވޭނީ، ކޮންމެ މީހަކު ވެސް، ތިމާގެ އަމިއްލަ ނަފްސަށް ލިބުމަށް އެދޭ އިޙްތިރާމާއި މިނިވަންކަމާއި އިންޞާފު، ތިމާގެ ފަރާތުން އަނެކާއަށް ވެސް ލިބިދީގެންކަން ކަމަށެވެ.
''އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާއިރު، އަޅުގަނޑުމެން މިއަދު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހިފައިވަނީ، އިންސާނީ ޙައްޤުތަކަށް ހުރަސްއެޅޭ ގޮތަށް އަޅުގަނޑުމެންގެ ތެރޭގައި ހުރި ނުރަނގަޅު އާދަތައް ނައްތައިލުމަށެވެ. ކުޑަކުދިންނަށާއި އަންހެނުންނަށް ކުރާ ޖިސްމާނީ އަދި ޖިންސީ އަނިޔާ އާއި ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމަށް، މުޅި މުޖްތަމަޢު އެކުގައި މަސައްކަތް ކުރަންޖެހެއެވެ.'' ރައީސް ވިދާޅުވެފަވެއެވެ.
ރައީސް ވިދާޅުވީ، އިންސާނީ ޙައްޤުތަކަށް އެންމެ ބޮޑަށް ހުރަސްއެޅޭ އިޖްތިމާޢީ މައްސަލަތަކާއި ކުށްތައް ހުއްޓުވުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ. އެކަނިވެރިކަމުގައި ޢުމުރުގެ ފަހު ދުވަސްތައް ގުނަމުންދާ ދޮށީ ޢުމުރުގެ މީހުންނަށް ޙައްޤުވާ ޢާއިލީ ލޯތްބާއި އަޅާލުން ދިނުމަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ. ހަމައެފަދައިން، މައިންބަފައިންގެ ލޯބިން މަޙުރޫމުވެފައިވާ ކުޑަކުދިންނަށް މުޖްތަމަޢުގެ ތެރެއިން އަޅާލުމާއި ލޯތްބާއި ކުލުނުގެ މާޙައުލެއް ފަހިކޮށްދިނުމަކީ، އަޅުގަނޑުމެން ކުރަންޖެހޭ ކަމެއްކަން ފާހަގަ ކުރެއްވިއެވެ.
މިއަދަކީ މިއަހަރުގެ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހެވެ. މި އަހަރުގެ އިންސާނީ ޙައްޤުތަކުގެ ދުވަހަށް، އދ. މަޖިލީހުން ކަނޑައަޅާފައިވާ ޝިޢާރު، "ކަރާމާތާއި މިނިވަންކަމާއި އިންޞާފު، އެންމެންނަށް" އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!