•  
  •  
  •  
  •  
  •  
  •  

އިސްލާމްދީނާ /އިސްލާމީ ނިޒާމާ، ސެކިއުލަރިޒަމާ /ޢަލްމާނިއްޔަތާ ދެމެދުގައި އޮތް ކުރިމަތިލުމަކީ އައު ކަމެއް ނޫނެވެ. އެއީ ޒަމާނުއްސުރެ އިސްލާމްދީނާ ޖާހިލިއްޔަތާ ދެމެދުގައި އޮތް ކުރިމަތިލުމުގެ ފަހުގެ ވައްތަރެވެ.

ޖާހިލިއްޔަތަކީ ތަފާތު ޒަމާންތަކުގައި ތަފާތު ނަންނަމުގައި ތަފާތު ލިބާސް ލިބާހުގައި ފައުޅުވާ އެއްޗެކެވެ. މިހުރިހާ ވައްތަރެއް ގުޅިފައިވަނީ އެންމެ ގުޅުމަކުންނެވެ. އެއީ ކުފުރުގެ ގުޅުމެވެ.

އެހެންކަމުން އިސްލާމްދީނާ ޢަލްމާނިއްޔަތާ ދެމެދުގައި އޮތް ކުރިމަތިލުމަކީ އިސްލާމްކަމާ ކުފުރާ ދެމުދުގައި އޮތް ކުރިމަތިލުމެކެވެ. ނަބީބޭކަލުންނަށް މާތް ﷲ ފޮނުއްވި ރިސާލަތާ ދެކޮޅަށް ކުރެވޭ ހަނގުރާމައެކެވެ. އެންމެ ފުރަތަމަ ނަބިއްޔާއިން ފެށިގެން ޤިޔާމަތާ ޖެހެންދެން މި ކުރިމަތިލުން ދާނީ ކުރިއަށެވެ.

މި ކުޑަކުޑަ ރާއްޖޭގައި ތިބި ޢަލްމާނީ ފިކުރުގެ މީހުން ޤަބޫލުކުރާ ގޮތުގައި، އަފުރާދުންނާއި މުޖުތަމަޢުގެ ކަންކަން އިޞްލާޙުކޮށް ހަމަމަގަށް އެޅުވުމަށް އޮތް ހަމައެކަނި މަގަކީ ހުޅަނގުގެ މަގެވެ. ހުޅަނގުގެ ނިޒާމުތަކެވެ. އެ ގޮތްގޮތާއި ނިޒާމުތައް މިރާއްޖެއަށް އެތެރެކޮށް، އެކަންކަން މިޤައުމުގައި ފަތުރައިގެންނެވެ. އެހެންކަމުން ސަލާންޖަހާ ބިކާރީން ފަދައިން އެބައިމީހުން، ހުޅަނގުގެ ޤައުމުތަކަށް އާދޭސް ކުރާ މަންޒަރަކީ ހައިރާން ކުރަނިވި މަންޒަރެއް ނޫނެވެ. އެމީހުންނަކީ، ހުޅަނގުގެ އަޅުންނެވެ.

ހުޅަނގުގެ ހުރިހާ ވައްޓަފާޅިއެއް ހިތުގެ އެންމެ އަޑިން ޤަބޫލުކޮށްގެން ތިބި ބައެވެ. ވުމާއެކު، ހުޅަނގުގެ ޙަޟާރަތުގައި ހުރި ހުރިހާ ކަމެއް އެއްވެސް ފުރޭނުމެއްނެތި އެމީހުން ބޭނުންވަނީ މިޤައުމަށް އެތެރެކުރުމަށެވެ. އެއިގެ ތެރޭގައި އަޚުލާޤިއްޔާތުގައި ހުޅަނގު ވެއްޓިފައި އޮތް ވަޙުޝީ ދަށު ދަރަޖަވެސް ހިމެނޭގޮތުގައެވެ. ތަރައްޤީ އާއި ކުރިއެރުން ލިބުން އޮތީ މިގޮތުގައި ކަމަށް މިބައިމީހުން ހިތުގެ އަޑިން ކަށަވަރު ކުރެއެވެ.

މައްކާ މުޝްރިކުންގެ ޖާހިލިއްޔަތުގެ ” ޤާނޫނު އަސާސީ ” އެކުލަވައިލީ އެބައިމީހުންގެ ޝިރުކުގެ ތަޤްލީދުތަކާއި ޤަބީލާ އާދަކާދައިގެ މައްޗަށެވެ. މިޤައުމުގެ ޢަލްމާނީން ބޭނުންވަނީ މިޤައުމުގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކަކީ ހުޅަނގު ޤައުމުތަކުގެ ފަލްސަފާއާއި ވަޟަޢީ ނިޒާމުގެ މައްޗަށް އެކުލައިލެވޭ އެއްޗެއްގެ ގޮތުގައި ހެދުމަށެވެ. އަދި އިސްލާމްދީނާއި، އެދީނުގެ އަޙްކާމުތަކާއި، ޙުދޫދުތަކަކީ، ޤާނުނު އަސާސީ އާއި ޤާނޫނުތަކުން މުޅިން އެކަހެރި ކުރެވި އެއްފަރާތް ކުރެވިފައިވާ އެއްޗެހީގެ ގޮތުގައި ބެހެއްޓުމެވެ.

އިސްލާމްދީނާއި ޢަލްމާނިއްތާ ދެމެދުގައިވާ ފަރަޤަކީ ވަރަށް ސާފު ފަރަޤެކެވެ. އެއީ އިސްލާމްކަމާ ކުފުރާ ދެމެދުގައިވާ ފަރަޤުވެސްމެއެވެ.

ޚިޔާލު

Your email address will not be published.

More in ރިޕޯޓް